Last Updated: April 1, 23:32
Tuesday, April 1, 2025
ދުނިޔެ

އެމެރިކާ ބިހަށް ޖެހި، ބިސް އިމްޕޯޓް ކުރަނީ

ބާޑްފްލޫއާ ހެދި އެމެރިކާ ބިހަށް ޖެހި، ބިހުގެ ޑިމާންޑް ބޮޑުވެ، ބިހުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެހެން ގައުމުތަކުން ބިސް އެތެރެ ކުރަން މަޝްވަރާތައް ފަށައިފި އެވެ.

އެގޮތުން މިހާރު ތުރިކީ އާއި ދެކުނު ކޮރެއާ އިން ބިސް އިމްޕޯޓްކުރަން މަޝްވަރާކޮށް އެއްބަސްވުންތަކަކަށް އާދެވިފައިވާ އިރު އިތުރު، ގައުމުތަކަލުން ވެސް ބިސް ގެންނަން މަޝްވަރާތައް ކުރިއަށްދާ ކަމަށް އެގްރިކަލްޗަ ސެކްރެޓަރީ ބްރޫކް ރޮލިންސް ވިދާޅުވި އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އޭނަ ވިދާޅުވީ ބިހުގެ ތާށިކަން ފިލައިގެންދާ ވަރަށް އެހެން ގައުމުތަކުން އެމެރިކާ ބިސް އިމްޕޯޓްކުރަން ނިންމާފައިވާ ކަމަށެވެ.

"ބިސް އިމްޕޯޓްކުރުމަކީ ވަގުތީ ގޮތުން ކުރާ ކަމެއް. އަހަރެމެން މަސައްކަތް ކުރަނީ ބާޑްފްލޫ ހާލަތުން އަރައިގަނެ އަލުން އެމެރިކާގެ ބިސް މާކެޓަށް ގެންނަން." ރޮލިންސް ވިދާޅުވި އެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގައި ބިހުގެ އަގު 65 ޕަސެންޓަށް އުފުލިފައިވާ އިރު، މި އަހަރުގެ ތެރޭގައި އެ ނިސްބަތް 41 ޕަސެންޓަށް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބާޑްފްލޫއާ ހެދި ގިނަ އަދަދެއްގެ ކުކުޅު ނައްތައިލަން ޖެހުމާ ގުޅިގެން، އެ ބައްޔާ ދެކޮޅަށް މަސައްކަތް ކުރަން މިހާރު އޮތީ ބިލިއަން ޑޮލަރުގެ ޕްލޭނެއް އެކުލަވާލައިފަ އެވެ.