Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ޝަމްއާންގެ އަންހެނުންގެ ފޯނު ހިފަހައްޓައި ދެ މީހަކު ފުރުން މަަނާކޮށްފި

ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަންގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ގޮތަކަށް ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ އަންހެނުންގެ ފޯނު ހިފަހައްޓައި ދެ މީހަކު ފުރުން މަނާކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަންގެ ދެ އޮފިސަރަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ކޯޓުގެ އަމުރެއްގެ ދަށުން އާއިލާގެ މެންބަރެެއްގެ ފޯނު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެނގިފައިވާ ގޮތުގައި ހިފެހެއްޓީ ޝަމްއާންގެ އަންހެނުންގެ ފޯނެވެ.

ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހުގެރޭ ޝަމްއާން ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާއި އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށެވެ.

އަދި، އޭގެ އެއް ދުވަސްފަހުން، ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.