މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާދެއްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ޕެޓަސަން އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވި ގޮތުގައި ބޭންކުގެ ހިދުމަތް ދޭން ފަށަން ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރަމުން ދަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެވެ.
އަދި މި ބޭންކުގެ ވިޔަފާރި މޮޑެލްގައި އެންމެ ފުރަތަމަ އިސްކަން ދޭނީ އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އުމްރާނި މަޝްރޫއުތަކަށް ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އޭގެ ފަހުން ރީޓެއިލް ހިދުމަތްތައް ތައާރަފުކޮށް ބަހާލައިގެން މިކަން ކުރުމުގެ އުސޫލެއް ގެންގުޅެނީ އިގުތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ކަމަށް ވިދާޅުވި އެވެ.