Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތް ވާހަކައަކީ ދޮގެއް

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ- ފޮޓޯ: ރައީސް އޮފީސް

8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ފަތުރަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށްފަހު އޭނާ 8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ބައެއް ފަރާތްތަކުން އޭނާގެ އަބުރަށް އަރައިގަނެ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހަގީގަތާ ހިލާފު، އަސާސެއްނެތް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ.

"މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.