ގަވާއިދާ ހިލާފަށް އުޅުނު ފަސް ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި ރޭ މާލޭގެ ހީނާމާގޭ ޕާކިން ސަރަހައްދުގައި އުޅެމުންދިޔަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރޭގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. އަދި އޭގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ޑިޕޯޓްކޮށްފައިވެ އެވެ.