Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އިމިގްރޭޝަން މައްސަލަ: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން މިރޭ އާންމުކޮށްފި އެވެ.

މި މައްސަލައިގައި މި މަހުގެ 20 ވަނަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ މޫނިމާގެ/ ތ. ބުރުނީ، މުހައްމަދު އަލްސަން އިސްމާއިލް އާއި ގ. ހެޕީސައިޑް/ މާލެ، އިބްރާހިމް އަހުމަދު އާއި ގ. ހެޕީސައިޑް/ މާލެ، ހަސަން ސަހެޝާން އެވެ. އަދި މި މަހުގެ 21 ވަނަ ދުވަހުގެރޭ ފުލުހުން ވަނީ ދާދިފަހުން މަގާމުން ވަކިކުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ މ.ހާޒާރީވިލާ/ މާލެ، އަހުމަދު ލައްސާން އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.