ޔޫއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް ފްރާންސް، ސްޕެއިން، ޖަރުމަނު އަދި ޕޯޗުގަލް ދަތުރުކޮށްފި އެވެ.
ސެމީގައި ފްރާންސް ބައްދަލުކުރާނީ ސްޕެއިންއާ އެވެ. ޖަރުމަނު ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ސެމީގެ މެޗުތައް ކުޅޭނީ އަންނަ ޖޫން މަހުގެ ކުރީކޮޅު އެވެ.
ފްރާންސް ސެމީއަށް ދަތުރުކުރީ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ޕެނަލްޓީގައި 5-4 އިން ކްރޮއޭޝިއާ ބަލިކުރުމަށްފަހު އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-0 އިން ފްރާންސް އޮތީ ކުރީގަ އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކުރީ ކްރޮއޭޝިއާ ކަމުން ދެ ޓީމު ވެސް އޮތީ އެގްރިގޭޓުން އެއްވަރުވެފަ އެވެ.
ރޭގެ މެޗުގައި ފްރާންސުން ކާމިޔާބުކުރި ދެ ގޯލު ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގަ އެވެ. އެގޮތުން ފްރާންސަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ 52 ވަނަ މިނެޓްގައި ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މައިކަލް އޮލީސޭ އެވެ. އަދި އެޓީމުގެ ދެވަނަ ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުވެސް އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ. އެގޮތުން ފްރާންސުން ފޮނުވާލި 7 ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު ކްރޮއޭޝިއާ އިން ފޮނުވާލި 7 ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. މި މެޗުން ފްރާންސް މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޑަޔޮޓް އުޕަމެކާނޯ އެވެ.
ނެދަލޭންސްގެ މައްޗަށް ރޭ ސްޕެއިނުން ކުރި ހޯދީ ޕެނަލްޓީގައި 5-4 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ދެ ޓީމުވެސް އޮތީ އެއްވަރުވެފަ އެވެ. ސްޕެއިންގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މިކޭލް އޮޔަޒަބާލް އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް އެވެ. ނެދަލޭންސްގެ ތިން ގޯލު ކާމިޔާބުކޮށްދިނީ މެމްފިސް ޑެޕާއި އާއި އިއާން މާޓްސެންގެ އިތުރުން ޒަވީ ސިމޮންސް އެވެ.
ޕެނަލްޓީގައި ސްޕެއިނުން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައިވެ އެވެ. ސްޕެއިނުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނީ ޔަމާލްގެ ޕެނަލްޓީ އެވެ. ނެދަލޭންޑްސްގެ ހަ ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބު ކުރިއިރު، ނޯ ލަންގް އާއި ޑޮންޔެލް މާލެން އަށް ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ޖަރުމަނުން ސެމީގެ ޖާގައެއް ހޯދީ އިޓަލީއާ 3-3 އިން އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާއިން 5-4 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 2-1 އިން ކާމިޔާބުކުރީ ޖަރުމަނުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ތިން ގޯލުގެ ލީޑެއް ވަނީ ނަގާފަ އެވެ. މި ތިން ގޯލު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ޔޯޝުއާ ކިމިޗް އާއި ޖަމާލް މުސިއާލާގެ އިތުރުން ޓިމް އެވެ. ނަމަވެސް އިޓަލީން ވަނީ ދެވަނަ ހާފުގައި ތިން ގޯލު ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފަ އެވެ. އިޓަލީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މޮއިސް ކީން އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ރަސްޕަޑޯރީ އެވެ.
ސެމީފައިނަލުން ޕޯޗުގަލް ޖާގަ ހޯދީ ރޭ 5-2 އިން ޑެންމާކް ބަލިކުރުމަށްފަހު އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ޑެންމާކުންނެވެ.
މި މެޗުގެ ކުރީކޮޅު ޕޯޗުގަލް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓްގައި ޑެންމާކުގެ ޔޮކިމް އެންޑަސަން އަތުން ބައިކޮޅަށް ވަތް ގޯލުން ޕޯޗުގަލް އިން ވަނީ ލީޑު ނަގާފަ އެވެ. މެޗުގެ 56 ވަނަ މިނެޓްގައި ރަސްމުސް ކްރިސްޓެންސަން ޑެންމާކަށް ނަތީޖާ އެއްވަރުކޮށްދިން އިރު، މެޗުގެ 72 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ޕޯޗުގަލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް އޭގެ އޭގެ ހަތަރު މިނެޓް ފަހުން ކްރިސްޓިއަން އެރިކްސަން ވަނީ އަލުން ޑެންމާކަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
ޕޯޗުގަލްގެ ތިންވަނަ ގޯލާއި ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ފްރެންސިސްކޯ ޓްރިންކާއޯ އެވެ. ޕޯޗުގަލްގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނީ ގޮންސާލޯ ރާމޯސް އެވެ.