Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ރަށްރަށުގައި ޢީދު ލައިޓްތައް ހަރުކުރަން ފަށައިފި

ޢީދު ލައިޓް ހަރުކުރުމުގެ މަސައްކަތް ބައެއް ރަށްރަށުގައި ފަށައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ އެގްޒެކެޓިވް، ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ ޢީދު އަލިންް އަތޮޅުތެރެ ދިއްލައިލުމަށް ޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުލަސްޓަރ އެކެއްގެ ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކޮށް، ގިޑިގެ ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ކުލަސްޓާގައި ހިމެނޭ، ހއ. ދިއްދޫގައި މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ކުޅުދުއްފުށީ ސިޓީގެ މަސައްކަތް މި މަހުގެ 24 ގައި ފެށުމަށް ހަމަޖެހިފައިވާ އިރު، ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މި މަހުގެ 25 ގައިފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ އުތުރުގެ ތިން އަތޮޅުން އަލަށް މި އަހަރު ދިއްލުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނާއި، ސްޕީކަރުތައް މި މަހުގެ 24 ގައި ފޮނުވޭނެ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީގެ "ޢީދު ލައިޓު" ކޮމިޓީން މަޢުލޫމާތުދެ އެވެ.

ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ އެހީއާއެކު އެވެ.

މިނިސްޓްރީން ބުނީ ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެއް ކަމަށެވެ.