Last Updated: April 2, 22:48
Wednesday, April 2, 2025
މުނިފޫހިފިލުވުން

އަކްޝޭގެ 'ކޭސަރީ ޗެޕްޓާ 2' ގެ ޓީޒާއެއް

އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ވަތަނީ ފިލްމު "ކޭސަރީ ޗެޕްޓާ 2: ދި އަންޓޯލްޑް ސްޓޯރީ އޮފް ޖަލިއަންވާލާ ބާގް" ގެ ޓީޒާއެއް މިއަދު ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަޝަނުން ގެނެސްދޭ ފިލްމެކެވެ. އަކްޝޭއާ އެކު އެ ސްޓޫޑިއޯގައި 2019 ގައި ވެސް "ކޭސަރީ" ކިޔާ ފިލްމެއް ގެނެސްދިން ނަމަވެސް އެ ފިލްމާއި މި ފަހަރުގެ ފިލްމާ ވާހަކައިގެ ގޮތުން އެއްވެސް ގުޅުމެއް ނެތެވެ.

މި ފަހަރުގެ ފިލްމަކީ އިންޑިއާ އަށް މިނިކަންކަން ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އެ ގައުމުގެ ސިކުންގެ ހައްގުގައި ހިނގައި ދިޔަ ގާނޫނީ މައްސަލަަނޑެކެވެ. އެގޮތުން "ކޭސަރީ ޗެޕްޓާ 2" ވާހަކަ އިނގިރޭސިން ހިންގާފައިގާ ގަތުލުއާންމަކާ ގުޅޭ ކޯޓް ކޭހަކަށް ބިނާކޮށްފައިވާ އިރު، މީގައި އަކްޝޭ ކުޅެފައި ވަނީ އެ ދުވަސްވަރުގެ ގައުމީ ބަތަލެއް ކަމަށްވާ ވަކީލު ސީ ޝަންކަރް ނާރަޔަންގެ ރޯލެވެ.

ކަރަން ސިންގް ތިއާގީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އާއި އާރް މާދްވަން ވެސް ހިމެނެ އެވެ.

"ކޭސަރީ ޗެޕްޓާ 2" އާ ބެހޭ ގޮތުން ކަރަން ބުނެފައި ވަނީ މިއީ ދަރުމާ އިން މިހާތަނަށް ގެނެސްދޭ އެންމެ ވަރުގަދަ ފިލްމަށް ވާނެ ކަމަށެވެ. އަދި މިއީ އިންޑިއާގެ ތާރީހުން ކިޔައި ނުދީ އޮތް ހިތްދަތި ސޮފުހާތަކެއް ދައްކުވައި ދޭނެ ވަަރަށް ޖަޒުބާތީ ފިލްމަކަށް ވެސް ވާނެ ކަމަށް ބުންޏެވެ.

އަކްޝޭގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ސްކައި ފޯސް" އެވެ. މި އަހަރު ރިލިޒްވާން ހުރި އޭނަގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 5" އާއި "ޖޯލީ އެލްއެލްބީ 3" ގެ އިތުރުން އަލަތު ތެލެގޫ ފިލްމު "ކަނައްޕާ" ހިމެނެ އެވެ.

މި މަހުގެ 18 ގައި "ކޭސަރީ ޗެޕްޓާ 2" ސިނަމާތަކަށް ގެންނަ އިރު، "ކަނައްޕާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 25 ގަ އެވެ.