Last Updated: April 1, 23:32
Tuesday, April 1, 2025
ރިޕޯޓް

ޓީބީ އެނގެނީ ކިހާ ވަރަކަށް؟

ކޮންމެ އަހަރެއްގެ ވެސް މާޗް 24 އަކީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލި ޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށް ދިނުމަށެވެ.

މި އަހަރު ދުނިޔޭގެ ޓީބީ ދުވަހުގެ ޝިއާރަކީ "Yes! We Can End TB: Commit, Invest, Deliver" މި އެވެ.

ޓީބީ އަކީ މައިކޯބެކްޓީރިއަމް ޓިއުބަކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އެންމެ އާންމުކޮށް ޖެހެނީ ފުއްޕާމެއަށެވެ. ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ބަލި ޖެހެއެވެ.

ޓީބީ ބަލި ގައިންގަޔަށް ފެތުރެނީ ހަމައެކަނި ފުއްޕާމެއަށް ޓީބީ ޖެހި، ކުޅުން ޖަރާސީމު ފެންނަ ބަލިމީހުންގެ ފަރާތުންނެވެ. ފުއްޕާމެއަށް ޓީބީ ޖެހިފައިވާ މީހުންގެ ތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހަކު ކެއްސައި ކިނބިހި އަޅައި ނުވަތަ ކުޅުޖެމުން، ވައިގެ ތެރެއަށް ބޭރުވާ ޖަރާސީމުތައް އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލުވުމުންނެވެ.

ޓީބީ އަށް ދެވޭ ފަރުވާއަކީ މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް ދެވޭ ފަރުވާއެކެވެ. ފުރިހަމައަށް ފަރުވާ ކުރެވިއްޖެނަމަ، މި ބައްޔަކީ ފަސޭހަކުރެވޭ ބައްޔެކެވެ. ބަލީގެ ފަރުވާ ފުރިހަމަ ނުކުރެއްވިޖެ ނަމަ ބަލީގެ ނުރައްކާ ބޮޑުވެ ބޭހަށް ނުގުޑާ ޓީބީ ޖެހުމުގެ ފުރުސަތު އޮވެ އެވެ. މި ބަލީގެ ފަރުވާއަކީ ޞިއްޙީ މަސައްކަތްތެރިއެއްގެ ސީދާ ބެލުމުގެ ދަށުން ދެވޭ ފަރުވާއެކެވެ. ރާއްޖޭގައި ވެސް 1994 އިން ފެށިގެން ޓީބީ އަށް ފަރުވާދެމުން ގެންދަނީ ޑައިރެކްޓްލީ އޮބްޒަރވްޑް ޓްރީޓްމްންޓް (DO) އުސޫލުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 2023 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓީބީ ބަލީގައި ދުނިޔެއިން 1.2 މިލިއަން މީހުން މަރުވެފައިވެ އެވެ. އަދި އެ އަހަރު ދުނިޔެއިން 10.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 6 މިލިއަން ފިރިހެނުންނާއި 3.6 މިލިއަން އަންހެނުން އަދި 1.3 މިލިއަން ކުޑަކުދިންނެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓްކޮށްފައި ވެއެވެ.

ދުނިޔޭގެ ޓީބީގެ ހާލަތަށް ބަލައި ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ހެލްތު އެސަމްބްލީގައި މި ބަލި މަދު ކުރުމަށް "އެންޑް ޓީބީ" ގެނަމުގައި ސްޓްރެޓެޖީއެއް ކަނޑައަޅައިފައެވެ.

މި ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް ވަނީ 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއިން ޓީބީ ބަލި އާއްމު ޞިއްޙަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއްކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތްތައް ދަނީ ކުރަމުންނެވެ.

\ރާއްޖެ އިން ޓީބީ ނައްތާލުމުގެ މަސައްކަތްތައް ކުރުމަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، މަސައްކަތަށް ބޭނުންވާ ފަންނީ ގައިޑްލައިންތައް މިހާރު ވަނީ ތައްޔާރު ކުރެވިފަ އެވެ.

ޓީބީގެ އަލާމަތްތައް:

• ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން
• ވަރުދެރަވުން
• ހީކެރުވުން އަދި އާދަޔާ ހިލާފަށް ދާހިއްލުން
• ހުންއައުން
• މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭހުރުން
• ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން

ޓީބީ ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ކޮން ބަޔަކަށް؟

• ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަމުން އަންނަ ފަރާތްތައް އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން (ހަކުރުބަލި/ކެންސަރު ބަލި/ ހަށިގަނޑުގެ ގުނަވަނެއް ބަދަލު ކޮށްފައިވާ މީހުން/ އެއިޑްސް ބަލީގެ މީހުން)
• ބީސީޖީ ވެކްސިން ފުރިހަމަ ނުވާ 5 އަހަރުން ދަށުގެ ކުދިން
• ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން
• އުމުރުން ދުވަސްވީ މީހުން

ބަލިން ރައްކާތެރިވުން:

• ޓީބީ ޖަރާސީމު ހުރިކަން ނުވަތަ ނޫންކަން ޔަގީން ކުރުމަށް ޓީބީއަށް ޓެސްޓްކޮށް އަވަހަށް ފަރުވާ ހޯދުން
• ކެއްސާ، ކިނބިހި އަޅާ އިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން
• ތަންތަނަށް ކުޅު ނުޖެހުން (ވަކި ހާއްސަ އެއްޗަކަށް ނުވަތަ ޓިޝޫ ފަދަ އެއްޗަކަށް ކުޅު ޖަހާ ރައްކާތެރި ގޮތުގައި ނައްތާލުން)
• ބަލި ޖެހިފައިވާ މީހަކު ދިރިއުޅޭނަމަ ގޭގައި ރަނގަޅަށް ވައި ދައުރުވާހެން ބެހެއްޓުން

މައުލޫމާތު: ހެލްތު މިނިސްޓްރީ