Last Updated: April 2, 22:48
Wednesday, April 2, 2025
މުނިފޫހިފިލުވުން

އިމްރާންގެ 'އާވާރާޕަން' ގެ ދެވަނަ ބައެއް

އިމްރާން ހާޝިމީގެ ކާމިޔާބު ފިލްމެއް ކަމަށްވާ "އާވާރާޕަން" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އެ ފިލްމު ސިނަމާތަކަށް ގެންނަ ތާރީހު ވެސް މިއަދު އިއުލާންކޮށްފި އެވެ.

އިމްރާންގެ ކެރިއަރުގެ އެންމެ ބޮޑެތި ހިޓްތައް ގެނެސްދިން، ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސް އިން 2007 ގައި ގެނެސްދިން މަގުބޫލު ކްރައިމް ޑްރާމާގެ ދެވަނަ ބައި ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 3 ގަ އެވެ.

"އާވާރާޕަން 2" އިއުލާން މި ކުރީ މިއަދު ފާހަގަކުރާ އިމްރާންގެ 45 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.

އެ ފިލްމު ޑައިރެކްޓް ކުރާނީ ނިތިން ކައްކަރް އެވެ. "އާވާރާޕަން 2" ލިޔެފައި ވަނީ އިމްރާން ކުޅުނު ނެޓްފްލިކްސްގެ 2019 ގެ ސީރީޒް "ދަ ބާޑް އޮފް ބްލަޑް" ވެސް ލިޔުނު ބިލާލް ސިއްދީގީ އެވެ.

ޝަގްފްތާ ރަފީގު ލިޔެ، މޯހިތު ސޫރީ ޑައިރެކްޓްކުރި "އާވާރާޕަން" ގައި އިމްރާނާ އެކި ބަތަލާގެ ރޯލު ކުޅުނީ ޝްރިޔާ ސަރަން އެވެ. ނަމަވެސް އާ ފިލްމުގެ ބަތަލާ އަކީ ކާކު ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.

"އާވާރާޕަން" އަކީ ވިޝޭޝްގެ އެހެން ފިލްމުތަކާ ވެސް އެއްގޮތަށް ވަރަށް ހިތްގައިމު ލަވަތަކެއް ހިމެނޭ ފިލްމެކެވެ. އެހެންވެ ދެވަނަ ބައި އިން ރީތި ލަވަތަކެއް އިވިގެން ދާނެކަމުގެ އުންމީދު ބޮޑެވެ.