ރާއްޖެ އިން ޓިއުބަކިއުލޯސިސް (ޓީބީ) ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ޓީބީ ނައްތާލުމުގެ މަސައްކަތުގައި ރާއްޖެ އޮތީ ސާބިތުކަމާ އެކީގައި ކަމަށެވެ. އެގޮތުން ރާއްޖޭގައި ޓިއުބަކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދެމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ޓީބީ ހުރިކަން އަވަހަށް ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖައްސައި ފުރިހަމަ ފަރުވާ ކަށަވަރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖެއަކީ 1998 އިން ފެށިގެން ޓީބީގެ ކޭސްތައް ދެނެގަތުމުގެ 70 ޕަސެންޓާއި ބަލިން ފަރުވާ ހޯދުމުގައި 85 ޕަސެންޓް ހާސިލްކޮށްފައިވާ ފަސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
On #WorldTuberculosisDay, we reaffirm our commitment to ending TB. We are among one of the five nations to achieve 70% case detection & 85% cure rates since 1998. Today, we are dedicated to strengthening our efforts with free Tuberculosis Preventive Treatment (TPT) and renewed… pic.twitter.com/9GXJMRMqe2
— Dr Mohamed Muizzu (@MMuizzu) March 24, 2025
ރާއްޖެ އިން މިދިޔަ އަހަރު ޓީބީގެ 148 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ. އެތަނުން ބުނީ ދުނިޔެއިން ޓީބީ ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ރާއްޖެއިން ވެސް 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާންމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދު ކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.