Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ރައީސް މުއިއްޒަށް ދައުވާ ނުކުރަން ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ނޫސްވެރިޔާ އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރުދީފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައިގައި ރައީސް މުއިއްޒަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 7:04 ހާއިރު ރައީސް، ފިޔާޒަށް ފޯނުން ގުޅުއްވައި ބިރު ދައްކައި އިންޒާރުދީފައިވާ ކަމަށްބުނެ ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގުކުރުމަށްފަހު އިއްޔެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކި ގަރީނާ އެ އޮފީހުން ދިރާސާކޮށް ބެލި އިރު، ރައީސް، ފިޔާޒަށް ގުޅުއްވައި އިންޒާރު ދިންކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސް ބޭނުންކުރައްވާފައިވާކަން އެނގެން ނެތަތީ، އެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ބުނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ ބާބުގައި އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހަކު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފި ކަމަށްވާނަމަ ކަމަށާއި އަދި މީހަކަށް އަނިޔާއެއް ލިބިދާ ފަދަ ކުށެއް ކޮށްފާނެކަމުގެ ބިރުދެއްކައިފިނަމަ ކަމަށެވެ.

އޭގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގައި ބުނާގޮތުން، އިންޒާރެއް ދިންކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފައިވާ ނަމަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ ފިޔާޒްގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ، ރައީސް އޭނާއަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް" ވިދާޅުވެ އޭނާއަށް އިންޒާރު ދީފައިވާ ކަމަށް ބަޔާންކޮށް ކަމަށްވާ އިރު، އެއީ ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރުދިނުމުގެ އަމަލަކަށްނުވާތީ އެއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.