ބޮލީވުޑްގެ ތަރި ސަނީ ޑިއޯލްގެ ވަރުގަދަ ތަޅާފޮޅުންތަކެއް އަނެއްކާ ވެސް ބެލުންތެރިންނަށް ގެނެސްދޭނެ އާ ފިލްމު "ޖާޓް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ގޯޕީޗަންދު މަލިލޭނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 10 ގަ އެވެ. "ޖާޓް" ގެ ކާސްޓްގައި ރަންދީޕް ހޫޑާ، ސައްޔާމީ ކޭރް، ވިނީތު ކުމާރު ސިންގް، ރެޖީނާ ކެސަންޑްރާ، އުޕެންދުރަ ލިމާޔޭ އަދި ރާމިއާ ކްރިޝްނަން ހިމެނެ އެވެ.
ޖުމްލަ 100 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ "ޖާޓް" މި ފިލްމަކީ 2023 ގެ "ގަދަރު 2" ގެ ބޮޑު ކާމިޔާބ އަށް ފަހު ބެލުންތެރިންނާ ހަމައަށް އަންނަ ސަނީގެ ފުރަތަމަ ފިލްމެވެ.
މި އަހަރުގެ އޭނަގެ އިތުރު ފިލްމެއް ވެސް ރިލީޒްކުރާނެ އެވެ. އެއީ އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ "ލާހޯރް، 1947" އެވެ. އެ ގެނެސްދޭނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބޯޑާ 2" އާއި "ރާމާޔަން" ހިމެނެ އެވެ.