އައްޑޫ ސިޓީ ކަނު އަނދިރީގައި އޮއްވާ ކުރިއަށް އޮތް ފިތުރު އީދަށް މާލެ ސިޓީ ދިއްލުމާ ދެކޮޅު ކަމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް ކަރަންޓު ކަނޑާފައިވެ އެވެ.
ފިތުރު އީދަށް ރަށްތައް ދިއްލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ ދެކޮޅު ކަމަށެވެ.
"އީދު ފާހަގަކުރަން ވާނީ އެންމެހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު،" ކުޑޫ ވިދާޅުވި އެވެ.
އައްޑޫ ރައްޔިތުން އަނދިރީގައި ތިއްބާ ބޮޑު ހަރަދުކޮށްގެން މާލެ ދިއްލުމާ އަޅުގަނޑު ދެކޮޅު! އީދު ފާހަގަކުރަން ވާނީ އެންމެހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު. https://t.co/OmHdYEdK2h
— محمد كودو MohamedKudu (@mohamedkudu) March 24, 2025
ކުޑޫ މިހެން ވިދާޅުވި އިރު އީދު ލައިޓު ހަރުކުރަން އެންގުމުގެ ކުރިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދިނުމަށް އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި ކަރަންޓު މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދެއްވަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވަނީ ގޮވާލާފަ އެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން މީގެކުރިން އަޒާން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ހާޒިރުކުރަން ފާސްކުރި ނަމަވެސް މިހާތަނަށް އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ގެނެސްފައެއް ނުވެ އެވެ.
ފެނަކަ އިން ދާދިފަހުން އައްޑޫއަށް 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކޮށް ހިދުމަތްދޭން ވަނީ ފަށާފަ އެވެ. ނަމަވެސް ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.