އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގާޒާގެ 124،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (އުންރުވާ) ބުނެފި އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
އުންރުވާ އިން ބުނީ އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާއި ގުޅިގެން ގާޒާގެ 124،000 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށާއި އެ ފަރާތްތަކުން ގެދޮރު ދޫކޮށް ދިޔައީ ވަންނާނެ ތަނެއް އަދި ރައްކާތެރިކަން ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތި ކަމަށެވެ.
އިޒްރޭލުން ގާޒާ އަށް ވަންނަމުންދިޔަ ހުރިހާ އެހީތަކެއް ހުއްޓުވާފައިވާ ކަމަށާއި ކާބޯތަކެތި ލިބުން ދަތިވެ ތަކެތީގެ އަގު އިންތިހާއަށް އަރައިގެން ގޮސްފައިވާ ކަމަށް އެ އެޖެންސީން ބުނެ އެވެ. މިއީ ބޮޑު އިންސާނީ ކާރިސާއެއް ކަމަށާއި މިކަން ނިމުމަކަށް އަންނަންޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.
ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފާއިތުވި ދުވަސްތަކުގައި 600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނި ވެސް 65 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.
އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން އިޒްރޭލުން އަންނަނީ ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.