Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

ހުރިހާ އިސްލާމީ މަރުކަޒަކަށް އިސްލާމިކް ލައިބްރަރީ

ތިނަދޫ އިސްލާމީ މަރުކަޒު.

ރާއްޖޭގައި މިހާރު ހުރި ހުރިހާ އިސްލާމީ މަރުކަޒެއްގައި މި އަހަރުގެ ތެރޭގައި އިސްލާމިކް ލައިބްރަރީ ގާއިމު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މާލޭގެ އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ޚުޠުބުޚާނާ އަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ ކަމަށެވެ. ނަމަވެސް އެ ލައިބްރަރީ ނެތި ގޮސްފައިވާތާ އަހަރުތަކެއްވެއްޖެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ރާއްޖޭގެ އިސްލާމީ ލައިބްރަރީ އަންނަ މެއި މަހު ސަލްމާން މިސްކިތުގައި އަލުން ހުޅުވާނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.

"މިކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ދަނީ ނިމެމުން،" އޭނަ ވިދާޅުވި އެވެ. "މީގެ އިތުރުން މި އަހަރު ހުރިހާ އިސްލާމިކް ސެންޓަރެއްގައި ލައިބްރަރީ ހުޅުވިގެންދާނެ."

މިހާރު އިސްލާމިކް މަރުކަޒުތައް ހުރި ރަށްރަށަކީ ރ. އުނގޫފާރާއި ގދ. ތިނަދޫގަ އެވެ. އަދި ބައެއް ރަށްރަށުގައި އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ށ. މިލަންދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރަން އިއްޔެ ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

އަލަށް އިމާރާތްކުރާ ހުރިހާ އިސްލާމީ މަރުކަޒެއް ވެސް ބިނާކުރާނީ އިސްލާމިކް ލައިބްރަރީ ހިމެނޭ ގޮތަށެވެ. މިހާރު އިސްލާމީ މަރުކަޒު ހެދުން ކުރިއަށް ދަނީ އައްޑޫ ހިތަދު އާއި ހއ. ދިއްދޫގަ އެވެ.