Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މާޗް 30 ފިތުރު އީދަށް ވާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ

މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިއަދު ޝާޢިއުކުރެއްވި ލިޔުއްވުމެއްގައި ވިދާޅުވެފައިވާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށެވެ.

މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަސް ކަމަށާއި އެދުވަހު ރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައި ކަމާއި އަދި ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ،" މައުމޫން ވިދާޅުވި އެވެ.