އަޅުގަނޑުމެން މިހާރު މި ތިބީ މި އަހަރުގެ ރަމަޟާން މަހުގެ އެންމެ މުހިންމު ދުވަސްތަކުގެ ތެރޭގަ އެވެ. އާދެ، ފަހު 10 ގެ ތެރޭގަ އެެވެ. މިއީ ބަރަކާތްތެރި ދުވަސްތަކެކެވެ. ރޭތަކެކެވެ. އެރޭތަކުން ރެއެއްގައި ޤަދްރިވިލޭރޭ ހިމެނޭ މާތް ރޭތަކެކެވެ.
ޢާއިޝާ رضي الله عنها ޤަދްރި ވިލޭރޭ ކުރަށްވާނެ ދުޢާއަކާއި ބެހޭގޮތުން ސުވާލުދެންނެވުމުން ރަސޫލުﷲ ޙަދީޘްކުރެއްވިއެވެ.
“ކަމަނާ ވިދާޅުވާށެވެ. (اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ)”
މާނައީ: “އޭ الله! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާންދޭވެ.”
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ފަހު 10 އެއްވެސް ރެއެއް މިދުޢާ ނުކޮށް ދޫކޮށްނުލާށެވެ! ބުރަކޮށް އުޅެން ޖެހުނު ކަމަށް ވިޔަސް މިދުޢާ ހިތުދަސްކޮށް ގިނަގިނައިން ކިޔޭތޯ ބަލާށެވެ. ސައިކަލުގައި ދަތުރު ކުރަމުން ވެސް ކިޔާށެވެ! ބަދިގޭގައި އުޅޭ ވަޤުތުތަކުގައި ވެސް ކިޔާށެވެ! މާނައަށް ވިސްނައިގެން ތަކުރާރުކުރާށެވެ! ޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމަ ލިބޭތޯއެވެ!
މަސްދަރު: އިލްމު.އެމްވީ