Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓް އުފައްދަން އެދިއްޖެ

ބްރޯޑްކޮމް އޮފީސް - ފޮޓޯ: މިހާރު

އެއްވެސް މީހެއްގެ ކަރާމަތެއް ނުގެއްލޭހެން ކޮންޓެންޓު އުފެއްދުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ބްރޯޑްކޮމް އިން މިކަމަށް އިލްތިމާސްކުރީ ރާއްޖެ ޓީވީން "ކާލާ ބައިސާ" ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ނިސްބަތްވާ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ ފަޔާޒް) އޯޓިސްޓިކް ކުދިންނާއ ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ފުރައްސާރަކޮށް، އެފަދަ ކުދިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ދެއްކި ވާހަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބުނާ "ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސާ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ ހާއްސާ ރައްކާތެރިކަން" އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްއާ ގައިޑްލައިންތަކާ ތަޢާރަޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މިފަދަ ކޮންޓެންޓް ތަހުޤީޤުކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ފުރިހަމަ އިޙްތިސާސް ކޮމިޝަނަށް ލިބިގެންވާ ކަމާއި، ކޮމިޝަންގެ ސަމާލުކަމަށް އަންނަ އަދި ހުށަހެޅޭ މިފަދަ ކޮންޓެންޓް ބަލައި ޤާނޫނުން ޖާގަ ދޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ޤާނޫނު އަސާސީ އާއި ރާއްޖޭގެ އަމަލުކުރަމުންދާ އެންމެހާ ޤާނޫނުތަކަށް އިހްތިރާމްކޮށް އެއްވެސް ފަރާތެއްގެ އަބުރާއި ކަރާމާތް ނުގެެއްލޭ ގޮތަށް ކޮންޓެންޓް އުފެއްދުމަށް ބްރޯޑްކޮމް އިން ވަނީ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފަ އެވެ.