Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

އިޒްރޭލުން އަޅާ ފިޔަވަޅުތައް ރާއްޖެއިން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ

ފަލަސްޠީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރުމަށާއި ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް އިތުރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެ ގޮތުން ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަށް، ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށް ބަޔާނުގައިވެ އެވެ. އަދި މިފަދަ އަމަލުތަކަކީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށްވެސް ބުނެފައިވެ އެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެ ގޮތުގައި ޤާއިމުކުރެވުމުން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.