Last Updated: March 31, 13:57
Monday, March 31, 2025
ކުޅިވަރު

އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ ކޮލިފައިވެއްޖެ އެވެ.

އާޖެންޓީނާ އަކީ ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމެވެ. އާޖެންޓީނާ އިން ރޭ ވަނީ ވާދަވެރި ބްރެޒިލްގެ މައްޗަށް 4-1 އިން ކުރި ހޯދައިފަ އެވެ.

އެ މެޗަށް ނިކުތްއިރު ވެސް އާޖެންޓީނާ ވަނީ ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުވެފަ އެވެ. އެއީ ރޭ އުރުގުއޭ އާއި ބޮލީވިއާ ބައްދަލުކުރި މެޗު އެއްވަރުވުމުންނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލަށް ބަލާއިރު، އާޖެންޓީނާއަށް ވަނީ 14 މެޗުން 31 ޕޮއިންޓު ލިބިފަ އެވެ. ދެވަނައިގައި 14 މެޗުން ލިބުނު 23 ޕޮއިންޓާއެކު އިކުއެޑޯ އޮތްއިރު ތިންވަނައިގައި 14 މެޗުން 21 ޕޮއިންޓު ހޯދައިގެން އޮތީ އުރުގުއޭ އެވެ. ހަތަރުވަނައިގައި އޮތް ބްރެޒިލް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އުރުގުއޭ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ކޮލިފައިންގައި ކޮންމެ ޓީމަކަށް ބާކީ ހަތަރު މެޗު އެބައޮތެވެ. ދެކުނު އެމެރިކާ އިން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބެނީ ހަ ގައުމަކަށެވެ. ހަތް ވަނަ އަށް ނިންމާ ޓީމެއް ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ބްރެޒިލްއާ ދެކޮޅަށް އާޖެންޓީނާ އިން މޮޅު ކުޅުމެއް ރޭ ދެއްކިއިރު މެޗުގެ ފުރަތަމަ 12 މިނެޓްތެރޭ އެޓީމުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އާޖެންޓީނާގެ ފުރަތަމަ ގޯލު ޖޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ. މެޗުގެ 26 ވަނަ މިނެޓްގައި މެތިއުސް ކޫންޔާގެ ގޯލުން ބްރެޒިލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން އެލްކްސިސް މެކަލިސްޓާ ވަނީ އާޖެންޓީނާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފުގައި ވެސް އާޖެންޓީނާ އިން ދިޔައީ ބްރެޒިލްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މެޗުގެ 71 ވަނަ މިނެޓްގައި އާޖެންޓީނާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ގިއުލިއާނޯ ސިމިއޯނީ އެވެ.

ކޮލިފައިންގައި އާޖެންޓީނާ ދެން ބައްދަލުކުރާނީ ޗިލީއާ އެވެ. ބްރެޒިލް ނިކުންނާނީ އިކުއެޑޯއާ އެވެ.