Last Updated: April 1, 23:32
Tuesday, April 1, 2025
މުނިފޫހިފިލުވުން

ކަރީނާ އަށް ފަހު ހެންސަލްގެ ފިލްމެއް ސައިފަށް

ބަތަލާ ކަރީނާ ކަޕޫރާ އެކު ފިލްމެއް ގެނެސް ދިނުމަށް ފަހު، އޭނަގެ ފިރިމީހާ ސައިފް އަލީ ޚާނާ އެކީ ފިލްމެއް ހަދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ހެންސަލް މެހެތާ ބުނެފި އެވެ.

ޗަންދީގަޅުގައި މިހާރު ކުރިއަށްދާ 'ސިނެވެސްޗާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް' ގައި ހެންސަލް ބުނީ ސައިފާ އެކު ހަދަން ނިންމާފައި ވަނީ ވާހަކަ ފޮތަކަށް ބިނާކޮށް ހަދަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ގުނައިލެވޭ ހެންސަލް ބުނީ ސައިފަކީ އަބަދު ވެސް އޭނަގެ ވިޝްލިސްޓްގައި ހިމެނޭ އެކްޓަރެއް ކަމަށެވެ. އަދި މިހާރު އޭނައާ އެކު ފިލްމެއް ހަދަން އުޅޭތީ އެކަމާ ވަރަށް އުފަލުން ހުރި ކަމަށް ބުންޏެވެ.

އޭނަ ބުނީ 2023 ގައި ގެނެސްދިން ކްރައިމް ތުރިލާ "ދަ ބަކިންހަމް މާޑާސް" އަށް ފަހު ކަރީނާއާ އެކު އަދިވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އޭނައާ އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށެވެ.

"ޝާހިދު" އާއި "ސިޓީ ލައިޓްސް" އާއި "އަލީގަޅް" އަދި "ސިމްރަން" ފަދަ ފިލްމުތައް ގެނެސްދިން ހެންސަލް މިހާރު އަންނަނީ އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީ އަށް ބިނާކޮށް ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒް "ގާންދީ" ގެނެސްދޭން ތައްޔާރުވަމުންނެވެ.

ސައިފްގެ ކުރިއަށް އޮތް ފިލްމަކީ ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ "ޖުވެލް ތީފް: ދަ ރެޑް ސަން ޗެޕްޓާ" އެވެެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި "ދޭވްރާ: ޕާޓް 1" އެވެ.