Last Updated: March 31, 13:57
Monday, March 31, 2025
ދުނިޔެ

ޕަޕްއަ ނިއު ގިނީގައި ފޭސްބުކް މަނާކޮށްފި

ޕަޕްއާ ނިއު ގިނީގައިފޭސްބުކް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.

އެ ގައުމުގެ ސަރުކާރުން ބުނީ މިފަދަ ފިޔަވަޅެއް އެޅީ ދޮގު ޚަބަރުތައް ފެތުރުމާއި ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓުވުމަށާއި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ކަހަލަ ވާހަކަތައް ހުއްޓުވަން ކަމަށެވެ.

ފޭސްބުކް މަނާކުރުމާ ގުޅިގެން މިއީ ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަތުން ކަމަށް ބުނެ ޕަޕްއާ ނިއު ގިނީގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި ސިޔާސީ އެކިއެކި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. އަދި އެ ގައުމުގެ މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފޭސްބުކް މަނާކުރުމަކީ އިންސާނީ ހައްގަކަށް އަރައިގަތުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އެ ގައުމުގެ ޕޮލިސް މިނިސްޓަރު ޕީޓާ ސިއަމިލީލީ ޖޫނިއާ ނިންމުން ދިފާއު ކުރައްވައި ވިދާޅުވީ ފޭސްބުކް މަނާކުރީ ހިޔާލު ފާޅުކުރުމުގެ ހަނިކުރަން ނުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށް ސަރުކާރުން އެޅި ވަރަށް ޒިންމާދާރު މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

މެޓަ އިން ހިންގަމުން އަންނަ ފޭސްބުކް، ޕަޕްއަ ނިއު ގިނީގައި ބޭނުންކުރާ މީހުންގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ. އަދި އެ ޕްލެޓްފޯމަކީ އެ ގައުމުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެސް މެ އެވެ.

ޕަޕްއާ ނިއު ގިނީގައި ފޭސްބުކް މަނާކޮށްފައި މި ވަނީ ސޯޝަލް މީޑިއާގެ މުއާމަލާތްތައް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ގޮތަށް ދާދި ފަހުން ކައުންޓަ-ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހުތައް ފާސްކޮށްފައި ވަނިކޮށެވެ.