ށ. މިލަދޫގެ ޒުވާނުންނާއި ކައުންސިލުން އެދުނު ގޮތަށް އެ ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑު ނިންމައިފި އެވެ.
އެ ދަނޑަކީ 2017 ގައި މަސައްކަތް ފެށި ނަމަވެސް ނުނިމި ދިގުލައިިގެން ގޮސްގައި އޮތް ދަނޑެކެވެ. އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުނިންމި އޮންނަތާ ހަތް އަހަރު ފަހުން، ދަނޑުގެ މަސައްކަތް މިހާރު ފުރިހަމަކޮށްފައިވާ ސްޕޯޓްސް މިނިސްޓްރީން ބުންޏެވެ.
މިއީ ރަށް ރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައި ހުރި މަޝްރޫޢުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
މިނިސްޓްރީން ބުނީ މިލަންދޫ ދަނޑުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމީ ރަށު ކައުންސިލާއި ޒުވާނުން އެދިފައިވާ ގޮތަށް ކަމަށެވެ. އެގޮތުން ދަނޑުގެ ސަބް-ބޭސް ރަނގަޅުކޮށް ދަނޑުގައި ޓާފް އަޅާފައިވެ އެވެ. މީގެ އިތުރުން ވަށާ ފާރާއި، ފެންސް ވެސް މަރާމާތުކޮށްފައިވެ އެވެ. އެގޮތުން ކުރިން ތިން ފޫޓަށް ރާނާފައިވާ ވަށާ ފާރު މިހާރު ވަނީ ހަ ފޫޓަށް އުސްކޮށްފަ އެވެ. އަދި 9 ފޫޓަށް ހުރި ފެންސް މިހާރު ވަނީ 15 ފޫޓަށް އުސްކޮށްފަ އެވެ.
މިލަދޫ ދަނޑުގެ މަސައްކަތް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ އިރު، އެ ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް މި ދައުރުގައި ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓްރީން ބުންޏެވެ.