Last Updated: April 20, 06:46
Sunday, April 20, 2025
ޚަބަރު

ރާއްޖެ ޓީވީ އަށް ފިޔަވަޅު އަޅައި ދޭން އެދިއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކާފައިވާތީ އެ ޗެނަލަށް ފިޔަވަޅު އަޅައިދިނުމަށް އެދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބްރޮޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ އެންމެހާ ކަންތައްތަކަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މަނާކޮށްފައިވާ ކަމެއް ކަމަށާއި ނަމަވެސް ރާއްޖެ ޓީވީން މިދިޔަ ހޯމަ ދުވަހު ގެނެސްދިން "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ނިސްބަތްކޮށް، މީގެތެރެއިން ޚާއްޞަކޮށް އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވަޔަކުން އެ ކުދިންނަށް ނިސްބަތްކޮށް ވާހަކަދައްކާ ޢަމަލުކޮށްފައިވާތ،ީ އެ ކަމަކީ އެ މިނިސްޓްރީން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ.

މި ހާދިސާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ހީނަރުކަން ލިބޭކަމެއް ކަމަށާއި އަދި މިފަދަ ކަންކަން ތަކުރާރުވުމުން ނުކުޅެދޭ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ވާހަކަ ދެއްކުން ޢާންމުވުމަށް ދޮރު ހުޅުވޭކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، އެ ކަމާ ގުޅިގެން ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދިވެހި މުޖުތަމަޢުގައި ތިބި ޚާއްޞަ ރައްކާތެރިކަމާއި، އަޅާލުމާއި ލޯބި ލިބެންޖެހޭ ހުރިހާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ޙައްޤުތައް ކަށަވަރުކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމަޢުގެ ހުރިހާކަމެއް ރޭވުމަށް އިޖުތިމާޢީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.