ދުރާލާ ތައްޔާރުވިނަމަ އައްޑޫ ސިޓީގެ ކަރަންޓު މައްސަލައަށް ހައްލު ހޯދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ރަށްރަށުގައި ހުރި ކަރަންޓުގެ މައްސަލަތައް ރޯދަ މަހާ ދިމާކޮށް ހައްލުކުރަން ސަރުކާރަކުން ތައްޔާރު ނުވި ފުރަތަމަ އަހަރު ކަމަށެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރު ކުރީ މި ނާގާބިލު ސަރުކާރަށް އެނގި ތިބެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ހައްލު ކޮށްދޭނެ ކަމަށް ސަރުކާރުން ވައުދު ވަނީ އިހުލާސްތެރިކަމެއް ނެތި، އެނގި ތިބެ. އެތައް ގޮތަކުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް އައްޑޫގެ ރައްޔިތުންނަށް ލިބެމުންދާއިރު މިއީ ދުރާލައި ތައްޔާރުވިނަމަ ހައްލެއް ހޯދޭނެ ކަމެއް. ވޭތުވެ ދިޔަ ތަނގާއި ހުރިހާ ސަރުކާރުތަކަކުން ވެސް ރޯދަމަހަށް ހާއްސަ ސަމާލުކަމެއް ދީގެން ތައްޔާރީތައްވޭ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާވިސްނުންތަކަށް ޖާގަދީ ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހޭ ކަމަށެވެ. އަދި ކަރަންޓްގެ ކަންކަން މެނޭޖްކުރުމުގެ އާ ގޮތްތައް ބޭނުން ކޮށް އެ މަގަށް ކަންކަން ފަހި ކުރުމަށް މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެގޮތުން ފާއިތުވި ދެ ދުވަހު އަދި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް އަންނަނީ ކަރަންޓު ކަނޑަމުންނެވެ.
އައްޑޫގެ ކަރަންޓު މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދެއްވަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވަނީ ގޮވާލާފަ އެވެ.