ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން "އާމިރު ޚާން ޓޯކީސް" ގެ ނަމުގައި ޔޫޓިއުބް ޗެނަލެއް މިއަދު ލޯންޗްކޮށްފި އެެވެ.
މިކަމާ ގުޅޭ ގޮތުން މިއަދު އާންމުކުރި ފުރަތަމަ ވީޑިއޯގައި އާމިރު ބުނީ މީގެ ބޭނުމަކީ އޭނަގެ ފިލްމީ ކެރިއަރުގެ ވާހަކަތައް ފޭނުންނާ ހަމައަށް ވީހާ ވެސް ގާތުން ގެނެސްދިނުން ކަމަށެވެ. އެގޮތުން ކެރިއަރުގައި މިހާތަނަށް ކުޅެފައިވާ ފިލްމުތަކާއި އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭ ފިލްމުތަކުގެ ވާހަކަ އެ ފިލްމުތަކުގައި ހިއްސާވާ މީހުންނާ އެކު "އާމިރު ޚާން ޓޯކީސް" ގައި ކުރިއަށް އޮތް ތަނުގައި ގެނެސްދެމުން ދާނެ ކަމަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ.
އާމިރު ބުނީ ގޮތުގައި ޔޫޓިއުބް ޗެނެލް މެދުވެރިކޮށް ފިލްމުތަކާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ގެނެސްދޭނެ އެެވެ. އޭގެ ތެރޭގައި ފިލްމެއްގެ މަސައްކަތް ފެށުމުގެ މަރުހަލާ އެކު ވަމުން އަންނަ ތައްޔާރީތަކާއި ޝޫޓިންގެ ތެރޭގައި ކަންކަން ހިނގާ ގޮތާއި ޖުމްކޮށް، ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެންނަން ކުރާ މަސައްކަތުގެ އެކި މަރުހަލާތަކުގެ ވާހަކަތައް އެ ފިލްމެއްގެ ޓީމު މެދުވެރިކޮށް ގެނެސްދެމުން ދާނެ ކަމަށް އާމިރު ބުންޏެވެ.
އޭނަ ބުނި ގޮތުގައި މިކަމަކީ ވަރަށް ކުރިން ފެށިގެން ވެސް ކުރަން ބޭނުންވި ކަމެކެވެ. އެކަމަކު މިހާތަނަށް އެކި ސަބަބުތަކާ ހެދި މިކަން ނުވެފައި އޮތީ ކަމަށް އާމިރު ބުންޏެވެ.
ނަމަވެސް ދެން "އާމިރު ޚާން ޓޯކީސް" ވާނީ އޭނަގެ ފޭނުންނަށް އަދާހަމަ ގެނެސްދޭ އެކްޓިވް ޗެނަލަކަށް ކަމަށް ބުންޏެވެ.
މި މަހުގެ 14 ގައި 60 އަހަރު ފުރުނު އާމިރުގެ ފުރަތަމަ ފިލްމަކީ 1988 ގެ "ގަޔާމަތު ސޭ ގަޔާމަތު ތަކް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ "ސިތާރޭ ޒަމީން ޕަރް" އެވެ. "މިސްޓަ ޕާފެކްޝަނިސްޓް" ގެ ނަމުން މަޝްހޫރު އާމިރު އެންމެ ފަހުން ފެނިފައި ވަނީ 2022 ގެ "ލާލު ސިންގް ޗައްޑާ" އިންނެވެ.
އާމިރުގެ ފިލްމު ކުންފުނިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ މަހުގެ 7 ގައި ރިލީޒްކުރި "ލަވްޔާޕާ" އެވެ. އެތަނުން މި އަހަރު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި ސަނީ ޑިއޯލްގެ "ލާހޯރް، 1947" ހިމެނެ އެވެ.