އައްޑޫ ސިޓީ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ގޮވާލައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަސްލަމް ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގާބިލުކަމެއް ފެނަކައިގައި ނެތް ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ އައްޑޫ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން،" އަސްލަމް ވިދާޅުވި އެވެ.
ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެގޮތުން ފާއިތުވި ދެ ދުވަހު އަދި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް އަންނަނީ ކަރަންޓު ކަނޑަމުންނެވެ.
އައްޑޫގެ ކަރަންޓު މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާތީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް އިސްތިއުފާ ދެއްވަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން ވަނީ ގޮވާލާފަ އެވެ.
ފެނަކަ އިން ދާދިފަހުން އައްޑޫއަށް 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކޮށް ހިދުމަތްދޭން ވަނީ ފަށާފަ އެވެ. އަދި 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އައްޑު އަށް ފޮނުވުމަށް ވެސް މަސައްކަތް ކުރަމުންދާއިރު، ކަރަންޓު ކެނޑުމުގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެންދާތީ އާންމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.