ކީރިތި ޤުރުއާން ހިތުދަސްކޮށް 24 ޙާފިޡުން، ޙާފިޡުކަމުގެ ސަނަދު ހާސިލްކޮށްފި އެވެ.
މި ޙާފިޡުންނަށް ސަނަދު ދިނުމަށް މިރޭ ވަނީ ޙާފިޡުންގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފަ އެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ޙާފިޡުންނަށް ސަނަދު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއީ ޙާފިޡުންގެ ދަސްވެނިވުމުގެ ގޮތުން އެކަމަށް ހާއްސަ ޖަލްސާއެއް ސަރުކާރުން ބޭއްވި ފުރަތަމަ ފަހަރެވެ.
މި ސަރުކާރު އައި ފަހުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެ އެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފަ އެވެ.
މީގެއިތުރުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެ އެވެ. އަދި ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފަ އެވެ.