ބޭނުންހާ އެއްޗެއް މީހުންނާއި ދިމާލަށް ކިޔުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށާއި، ހުދޫދުތަކެއް އޮންނަކަން ހަނދާންކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ޚިޔާލު ތަފާތުވުމާއެކީގައި އެ ވާދަވެރިކަމުގެ ތެރެއިން ވެސް ގޮސް ކޮންމެ މީހެއްގެ ވެސް އަބުރަށް އަރައިގަނެ އަދި އެ ނޫން ކަންކަމުގެ ތެރޭގައި ވެސް، އިންސާނީ ކަރާމަތަށް އަރައިގަންނަ ކަމަށެވެ. ނަމަވެސް މިއީ ގުރުއާން ދަސްކޮށްދޭ ގޮތް ނޫން ކަމަށާއި ގުރުއާނަށް އަމަލުކޮށްގެން ނޫނީ ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތިމަންނަ މަތިވެފައި، އަނެއް މީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންވާހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ހައްގަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ހައްގުތަކާ އެކީގައި އޭގެ ހުދޫދުތައް ވެސް އޮވޭ، ރައިޓްސްއާ އެކީ ލިމިޓޭޝަންސް އޮވޭ، އެހެންނޫނީ އިންސާނީ މުޖުތަމައެއް ހެޔޮ ގޮތުގައި ކުރިއަށް ނުދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އަމަލީގޮތުން ކަންކަން ކުރާއިރު ކަން ކުރަންވީ ގޮތް ބަލާ، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ވާންވީ ކީރިތި ގުރުއާން ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން އަމަލީ ގޮތުން ކޮންމެ ދުވަހަކު އުޅުންތަކާއި ގުޅުންތައް ބައްޓަން ކުރެވިގެން ދާންޖެހޭނީ އެ ފޮތުގައިވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ މި ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ޙާފިޡުންނަށް ހެދުންކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ވެސް ގޮވާލައްވާފަ އެވެ.