Last Updated: April 2, 14:09
Wednesday, April 2, 2025
ޚަބަރު

އައްޑުއަށް 1.8 މެގަވޮޓުގެ އިތުރު ޖަނަރޭޓަރެއް ގެނެސްފި

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް، ފެނަކަ އިން އެ ސިޓީއަށް ގެންގޮސްފި އެވެ.

ފެނަކަ އިން ބުނީ އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވަޓް ގެ އައު އިންޖީނު ގެންދިޔަ ދޯނި މިހާރު އައްޑޫ އަށް ބަނދަރު ކޮށްފައިވާ ކަމަށެވެ. އަދި އަންލޯޑްކޮށް ސެންޓްރަލް ޕަވާ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި 48 ގަޑިއިރުތެރޭ މި އިންޖީނު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ބުނެ އެވެ.

ކަރަންޓުގެ ކެނޑުމުގެ ގިނަގުނަ ތަކުލީފުތަކާއެކު ވެސް، އައްޑޫ ރައްޔިތުން ކެތްތެރިކަން އިސްކޮށް، ދައްކާ ފުރިހަމަ ނަމޫނާއާއި، މައްސަލަތައް ޙައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދޭ އެއްބާރުލުމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފެނަކަ އިން މީގެކުރިން ވެސް ވަނީ އައްޑު އަށް 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރެއް ގެނެސް ހިދުމަތްދޭން ފަށައިފަ އެވެ.

ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެގޮތުން ފާއިތުވި ދެ ދުވަހު އަދި މިއަދު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް އަންނަނީ ކަރަންޓު ކަނޑަމުންނެވެ.