އިސްލާމްދީނަށް ނަސްރު ދިނުމަށްވުރެ އިސްކަންދޭނެ ސިޔާސަތެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމްދީނަށް ނަސްރު ދިނުމަށްޓަކާ ކުރެވޭ ކޮންމެ މަސައްކަތަކުން ވެސް ނިކުންނާނީ ހެޔޮ ނަތީޖާ ކަމަށެވެ.
"މިސަރުކާރުގެ އެންމެ ފަޚުރުވެރި އެންމެ މަތިވެރި ޒިންމާއެއް ގޮތުގައި އަޅުގަނޑު ދެކެނީ، އަދި އަމަލީގޮތުން ވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމް ދީނަށް ނަޞްރު ދިނުމުގައި. އެއަށްވުރެ އިސްކަން ދޭނެ ސިޔާސަތެއް މި ސަރުކާރަކު ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކޮންމެ މީހެއްގެވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެދުމަށް ވެސް އެދިވަޑައިގަންނަވާފަ އެވެ. އަދި ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއްކަމުގައި ހެދުމަށް ވެސް ގޮވާލެއްވި އެވެ.
މީގެއިތުރުން މި މުޖުތަމަޢުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެން ކަމަށް ވިދާޅުވި އެވެ. އަދި ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް ވެސް ބާރުއަޅުއްވާފަ އެވެ. އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް، ރައީސް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.
މިއީ ޙާފިޡުންގެ ދަސްވެނިވުމުގެ ގޮތުން އެކަމަށް ހާއްސަ ޖަލްސާއެއް ސަރުކާރުން ބޭއްވި ފުރަތަމަ ފަހަރެވެ. މި ޖަލްސާގައި 24 ހާފިޒަކު ސަނަދު ހާސިލުކޮށްފައިވެ އެވެ.