Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

އައްޑޫ ރައްޔިތުން ދައްކަނީ ވަރަށް ފުރިހަމަ ނަމޫނާއެއް

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔާޑް) މުޙައްމަދު ނަޖާޙް

ކަރަންޓު ކެނޑުމުގެ ގިނަ ތަކުލީފުތަކާއެކު ވެސް އައްޑޫ ސިޓީގެ ރައްޔިތުން ދައްކަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން މިހެން ބުނެފައިވަނީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެ ކުންފުނިން ފޮނުވި 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރު އައްޑޫ އަށް ރޭ ގެނައުމާ ގުޅިގެން ކުރި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި ވަނީ ކަރަންޓުގެ ކެނޑުމުގެ ގިނަގުނަ ތަކުލީފުތަކާއެކު ވެސް އައްޑޫ ރައްޔިތުން ކެތްތެރިކަން އިސްކޮށް، ދައްކަމުން އަންނަ ފުރިހަމަ ނަމޫނާ ފާހަގަކޮށްފަ އެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދޭ އެއްބާރުލުމަށް ފެނަކައިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އައްޑޫ އަށް ރޭ ގެނައި ޖަނަރޭޓަރު 48 ގަޑިއިރުތެރޭ އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން މީގެކުރިން ވެސް ވަނީ އައްޑު އަށް 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރެއް ގެނެސް ހިދުމަތްދޭން ފަށައިފަ އެވެ.

ރޯދަ މަހަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށްދޭނެ ކަމަށް ފެނަކައިން ބުނި ނަމަވެސް ރޯދަ މަސް ނިމެންދާއިރު ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ. އެގޮތުން ފާއިތުވި ތިން ދުވަހު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކި ވަގުތުތަކުގައި އެއް ގަޑިއިރަށް ވަނީ ކަރަންޓު ކަނޑާފަ އެވެ.