އައުޤާފް އިންވެސްޓްމަންޓްތައް އަހަރަކު 100 މިލިއަން ރުފިޔާ އަށް ފުޅާކޮށް ދަޢުލަތުގެ ބަޖެޓަށް ބަރޯ ސާނުވެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަކީ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެ ވެ.
އަލަށް ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އަޢުޤާފް މަޝްރޫޢުތައް ފުޅާކުރުމަށް މިނިސްޓްރީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ރޯދަ މަހަށް ފަހު އެފަދަ ބޮޑު ދެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އަދި އެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ އެ މަޝްރޫޢުތައް ފުރިހަމަވުމުން 2045 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު 12 މިލިޔަން ރުފިޔާ އިސްލާމީ ވަޤުފު ފަންޑަށް ޖަމާވަމުން ދާނެ ކަމަށެވެ. އަދި 2045 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކު 70 ވަރަކަށް މިލިޔަން ރުފިޔާ އިސްލާމީ ފަންޑަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަމާޒަކީ ދެހާސް ސާޅީސް ފަހެއް އަންނައިރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ދަޢުލަތުގެ ބަޖެޓަށް ބަރޯސާނުވެ މަދުވެގެން އަހަރަކު 100 މިލިޔަން ރުފިޔާއަށް އަރާވަރަށް އައުޤާފް އިންވެސްޓްމަންޓްތައް ފުޅަކުރުން،" ޝަހީމު ވިދާޅުވި އެވެ. "މި ދައުރުގެ ތެރޭގައި އެކަން ހާސިލު ވެސް ކުރެވޭނެ."
އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ މާލެ އާއި ހުޅުމާލޭގައި ވަޤުފު އިމާރާތްތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.