Last Updated: March 31, 13:57
Monday, March 31, 2025
ދުނިޔެ

ދެކުނު ކޮރެއާ އަނދަނީ، މިހާތަނަށް 26 މަރު

ދެކުނު ކޮރެއާގެ ބައެއް ހިސާބުތަކުތަކުގައި އަލިފާން ރޯވެ ހިނގި ނުރައްކާތެރި ހާދިސާތަކުގައި މިހާތަނަށް 26 މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުގެ ދެކުނު އިރުމަތީ ސަރަހައްދުގައި ރޯވީ މި މަހުގެ 21 ގަ އެވެ. އޭގެ ފަހުން އަލިފާން ކޮންޓްރޯލް ނުކުރެވި، 35،000 ހެކްޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރި މިކަމުގެ ބިރުވެރިކަން މުޅި ދެކުނު ކޮރެއާ އަށް ވަނީ ފެތުރިފަ އެވެ. އެ ގައުމުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ އަކީ ދެކުނު ކޮރެއާގެ ތާރީހުގައި ވެސް ކުރިމަތިލާން ޖެހުނު އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.

އަލިފާން ރޯވި ސަރަހައްދުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު، މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އެގޮތުން މިހާތަނަށް މަރުވި 26 މީހުންގެ ތެރޭގައި ގިނައީ އުމުރުން 70 އާއި 60 އަހަރުން މަތީގެ މީހުންނެވެ.

އަލިފާން ރޯވި ސަރަހައްދުން ގިނަ އަދަދެއްގެ ގެތަކަށް ވެސް އަނދައި އަޅިއަށްވެފައި އިރު، އެ ސަރަހައްދުގައި ހުރި ތާރީހި އަދި އާސާރީ އެތައް ތަނެއް ވެސް އަނދައިގެން ގޮސްފައިވެ އެވެ.

ދެކުނު ކޮރެއާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ މި ނުރައްކާތެރި ހާދިސާއާ ކުރިމަތިލާން ޖެހުނީ ބައެއްގެ އިހުމާލުން ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި މިހާރު ވެސް 120 އަށް ވުރެ ގިނަ ހެލިކޮޕްޓަރު ހަރަކާތްތެރިވަމުން އަންނަ އިރު، އެ މަސައްކަތުގައި އުޅުނު ހެލިކޮޕްޓަރެއް އިއްޔެ ވެއްޓިފައިވެ އެވެ.