ތަމަޅަ ޑައިރެކްޓަރު އެޓްލީއާ އެކު މަސައްކަތް ކުރަން އޮތް ފިލްމު ހުއްޓާލާފައިވާކަން ސަލްމާން ޚާން ކަށަވަރުކޮށް ދީފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ އެ ފިލްމާ ގުޅޭ އެއްވެސް ކަމެއް މަސައްކަތް މިހާރު ކުރިއަށް ނުދާ ކަމަށެވެ. ސަބަބެެއް ކަމަށް އެނގިފައި އޮތީ ފިލްމުގެ ބަޖެޓް ވަރަށް ބޮޑުވުން ކަމަށް ސަލްމާން ބުންޏެވެ.
"އެއާ ބެހޭ ގޮތުން އެކަހަލަ ވާހަކައެއް އަޑު އިވިފައި އޮތީ. އަހަންނަކަށް ނޭނގޭ ސީދާ ވީ ގޮތެއް،" އޭނަ ބުންޏެވެ. "އެޓްލީ ހަދަން ޕްލޭން ކުރަމުން އައި ފިލްމަށް ބަޖެޓް ދެ ފިލްމު ހަދަން ހޭދަވާ ވަރުގެ ބަޖެޓެއް ދާ ކަމަށް އަޑު އިވިފައި އޮތީ. އެހެންވެ މިހާރަކު އޭގެ މަސައްކަތާއިގެން ކުރިއަށް ދިއުމުގެ އެއްވެސް ޕްލޭނެއް ނެތް."
ޝާހްރުކް ޚާންގެ 2023 ގެ "ޖަވާން" ގެނެސްދިން އެޓްލީ ބުނެފައިވާ ގޮތުގައި ސަލްމާނާ އެކު އޭނަ ހަދަން އުޅުނީ އިންޑިއާގެ ސިނަމާ އަށް މުޅިން އާ ރަހަތަކެއް ގެނެސްދޭނެ، ވަރަށް ތަފާތު ކޮންސެޕްްޓެއްގެ ފިލްމެކެވެ. ނަމަވެސް ބަޖެޓްގެ މައްސަލައިގައި އެ ހުއްޓާލަން ޖެހުމުން މިހާރު "ޕުޝްޕާ" ގެ ބަތަލު އައްލޫ އަރުޖުންއާ އެކު، އެވްރެޖްޓް ބަޖެޓެެއްގެ ފިލްމެއް ހަދަން އެޓްލީ ތައްޔާރީތައް ވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ސަލްމާން ބުނީ އެޓްލީގެ ފިލްމީ ހުއްޓުނަސް އޭނަގެ އަތުގައި މި ވަގުތު އެހެން ދެ ފިލްމެއް އެބައޮތެވެ. ނަމަވެސް އޭގެ އެއްވެސް ތަފުސީލަކަށް ނުގޮސް އޭގެ ތެރެއިން ދެން މަސައްކަތް ފަށާ ފިލްމަކީ ކޮބައިކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ. ސަލްމާން ބުނި ގޮތުގައި އޭނަގެ އެންމެ ބޮޑެތި ބައެެއް ހިޓްތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ފިލްމެއްގެ މަސައްކަތް ވެސް ކައިރި މުސްތަގުބަލެއްގެ ތެރޭގައި ފަށާނެ އެވެ.
ސޫރަޖާ އެކު ސަލްމާން އެންމެ ފަހުން މަސައްކަތްކުރި ފިލްމަކީ 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. އެ ދެ މީހުން އެކީގައި ގެނެސްދިން އެހެން ފިލްމުތަކަކީ 1999 ގެ "ހަމް ސާތު ސާތު ހޭ" އާއި 1994 ގެ "ހަމް އާޕް ކޭ ހޭ ކޯން" ގެ އިތުރުން 1989 ގެ "މޭނޭ ޕިޔާރު ކިޔާ" އެވެ.
ސަލްމާން، 59، ގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އާދީއްތަ ދުވަހު ރިލީޒްކުރާ "ސިކަންދަރު" އެވެ.