Last Updated: March 31, 17:53
Monday, March 31, 2025
ޚަބަރު

ކަރަންޓްގެ ވާހަކަ އަސްލަމް ދައްކަނީ ސިޔާސީ ބޭނުމަށް

އައްޑޫ ކަރަންޓްގެ މައްސަލައިގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމް މިހާރު ދައްކަވަނީ ސިޔާސީ ބޭނުމަކަށް ކަމަށް މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއިލް ނިޒާރު ވިދާޅުވެއްޖެ އެވެ.

ނަވާރަ ވަނަ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރަށް، ނިޒާރު ފާޑު ވިދާޅުވެފައި ވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކަރަންޓްގެ މައްސަލަ އަށް ފެނަކަ އިން ހައްލެއް ހޯދައި ނުދެވި، ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައިވާތީ އިންޖީނުގެ ސްޓެލްކޯއާ ހަވާލު ކުރަން އަސްލަމް އިއްޔެ ގޮވާލެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގައި 20 ވަރަކަށް އަހަރު މަސައްކަތް ކުރެއްވި މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގާބިލުކަމެއް ފެނަކައިގައި ނެތް ކަމަށެވެ. އެެހެންވެ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ރައްދުގައި ފޭސްބުކް ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ މަޖިލީހުގައި އަސްލަމް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އިރު ވެސް އައްޑޫ ރައްޔިތުން ކަރަންޓްގެ ތަކުލީފު ވަރަށް ބޮޑަށް އުފުލި ކަމަށެވެ. އެކަމަކު އޭރު އާރާބާރު އޮވެ، އެކަމާ ގުޅޭ ގޮތުން އެއްވެސް މަސައްކަތެއް އަދި އެއްވެސް ވާހަކައެއް ވެސް ދައްކަވާފައި ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އެހެންވެ މިހާރު އެ ވާހަކަ ދެއްކީމަ އަޅުގަނޑަށް ސިފަ ކުރެވެނީ އެއީ އާރާއިބާރު ބޭނުންވެ ސިޔާސީ މަގުސަދެއްގައި ދައްކަވާ ވާހަކައެއްގެ ގޮތުގައި." އޭނަ ވިދާޅުވި އެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ ހާލަތު ދަށްވެ، ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫ ކަރަންްޓް ކަނޑާ މައްސަލަ ވަރަށް ބޮޑެވެ. މިކަމާ ގުޅިގެން ފެނަކަ އަށް ވަރަށް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ކަރަންޓް މައްސަލައިގައި އައްޑޫ ކައުންސިލަރުންތަކެއް ދާދި ފަހުން މުޒާހަރާއަކަށް ނުކުތުމުން އެކަމަށް ވެސް ނިޒާރު ފާޑު ވިދާޅުވެ، މޭޔަރު އަލީ ނިޒާރު މިހާރު މުޒާހަރާ އަށް ނުކުންނެވުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.