މޭވާ އާއި ތަރުކާރީ އަތްފޯރާފަށަށް އަގުހެޔޮކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި ފަށާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނެ ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމުގެ ތެރެއިން، ބޭރުން ރާއްޖެއަށް ގެންނަ މޭވާ އާއި ތަރުކާރީ ރާއްޖޭގައި އުފެއްދޭނެ ކަމަށާއި، އެއާއެކު އެތަކެތީގެ އަގުހެޔޮވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ރާއްޖެއަށް މި ފަދަ ތަކެތި އިމްޕޯޓްކުރާ މައި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ފަދަ ފިޔަވަޅުތައް މެދުވެރިކޮށްވެސް، މޭވާ އާއި ތަރުކާރީ އަގުހެޔޮ ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވަނީ މި އިންތިޒާމުތައް ކުރެވެމުންދާ ވަރަކުން، މި މަސައްކަތްތަކުގެ ތަފްޞީލުތައް ހާމަކުރައްވަމުންގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.