Last Updated: March 31, 13:57
Monday, March 31, 2025
ރިޕޯޓް

ފިތުރު ޒަކާތް ދައްކަންވީ ކޮން ވަގުތަކު؟

ފުރަތަމަކަމަކަށް، ފިތުރު ޒަކާތް ނެރުމުގެ ވަޤުތަކީ އަދި ނެރުން ވާޖިބުވާ ވަޤުތަކީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމާއެކު އެވެ. މި ވަގުތުން ފެށިގެން ޢީދު ނަމާދު ފެށުމާ ދެމެދު ފިޠުރު ޒަކާތް ދެއްކުން ވާޖިބު ވާނެއެވެ. އަދި މި ވަޤުތަކީ ޙަޤީޤަތުގައި ފިޠުރު ޒަކާތް ދައްކަން ޖެހޭ ވަޤުތެވެ.

ފިޠުރު ޒަކާތް ދެއްކުން ލަސްކުރުމަކީ އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ. ސަބަބަކީ މި ޒަކާތުގެ އެންމެ މުހިންމު އެއް މަޤުސަދަކީ ޢީދު ދުވަހުގައި ފަޤީރުން ވެސް ރަނގަޅަށް ކައިގެން ތިބެ ޢީދުގެ އުފަލުގައި ބައިވެރިވުން ކަމަށްވާތީ އެވެ.

މާ ކުރިން ފިޠުރު ޒަކާތް ނެރެފި ނަމަ ޢީދު ދުވަހާ ޖެހޭ އިރު ގިނަ ފަހަރަށް އެ ފަޤީރު މީހާ އަށް އޮންނާނީ އެ ލިބުނު އެތިކޮޅު ހުސްވެފަ އެވެ. އެހެންކަމުން އޭރުން ފިޠުރު ޒަކާތުގެ މަޤުސަދު ޙަޤީޤަތުގައި ޙާސިލެއް ނުވެ އެވެ. އަދި ބައެއް ޞަޙާބީ ބޭކަލުން، ފިޠުރު ޒަކާތް ދެއްކުން ޢީދު ދުވަހުގެ ހެނދުނާ ހަމައަށްވެސް ލަސްކުރައްވައެވެ. އަބޫ ސަޢީދުލް ޚުދްރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ (رواه البخاري (1510)

މާނަ: “ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރު، ޢީދު ދުވަހުގައި (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތީގެ ޞާޢެއްގެ މިންވަރު ތިމަންބޭކަލުން ނެރުއްވަމެވެ.”

ނަމަވެސް ޒަކާތަކީ އެ ދައްކަން ޖެހޭ ވަގުތައްވުރެ އަވަހަށް ދެއްކުން ހުއްދަ އެއްޗެކެވެ. މިއީ ޢިލްމުވެރިން އިޖުމާޢުވެލައްވާ ކަމެކެވެ. މުދަލުގެ ޒަކާތް ވެސް އަހަރު ހަމަވުމުގެ ކުރިން ދެއްކިދާނެ އެވެ. އެހެންކަމުން ފިޠުރު ޒަކާތް ވެސް މަތީގައި ޒިކުރު މިކުރެވުނު ވަޤުތައްވުރެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ދެއްކުމުގައި މައްސަލައެއް ނެތެވެ.

ޚާއްސަކޮށް ޙާޖަތެއް މެދުވެރިވެގެން ޢީދު ދުވަހު ނުވަތަ ޢީދު ވިލޭރޭގައި ޒަކާތް ނުނެރެވިދާނެ މީހަކަށް އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޒަކާތް ދެއްކުން ހަމަ އެންމެ ރަނގަޅެވެ. އަދި ބައެއް ޞަޙާބީ ބޭކަލުން ވެސް މިފަދައިން ޢަމަލު ކުރައްވާފައިވާކަން ސައްޙަ ސުންނަތުން ސާބިތުވާން އެބަ އޮތެވެ.

ނާފިޢުގެ އަރިހުން ރިވާވެގެންވެއެވެ. كَانَ ابْنُ عُمَرَ «يُعْطِي عَنِ الصَّغِيرِ، وَالكَبِيرِ، حَتَّى إِنْ كَانَ لِيُعْطِي عَنْ بَنِيَّ»، وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا «يُعْطِيهَا الَّذِينَ يَقْبَلُونَهَا، وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِ» (رواه البخاري (1511)

މާނަ: “ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުންވެސް އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُمَا ފިޠުރު ޒަކާތްދެއްވައެވެ. އަދި ތިމަންގެ ދަރިންގެ ފަރާތުންވެސް އެކަލޭގެފާނު ފިޠުރު ޒަކާތް ދެއްވައެވެ. އަދި އެ ޤަބޫލުކުރާ (ފަޤީރުންނަށް) އެ ދެއްވައެވެ. އަދި ފިޠުރު ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އެ ނެރުއްވައެވެ.”

ނަމަވެސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިޠުރު ޒަކާތް ނެރުމުގެ ވަޤުތު ފެށުނީ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެ އެވެ. ރާއްޖޭގައި ވެސް މިފަދައިން ބައެއް މީހުން ޢަމަލު ކުރެ އެވެ. ނަމަވެސް މިއީ ޙަޤީޤަތުގައި އެހާ ރަނގަޅު ގޮތެއް ނޫނެވެ. އެބޭކަލުން ޙުއްޖަތަކީ ފިޠުރު ޒަކާތް ޝަރުޢުވުމުގެ ސަބަބުތައް ކަމަށްވާ ރޯދަ ހިފުމާއި ރޯދަ ދޫކޮށްލުމެވެ.

އެހެންކަމުން މިދެކަމުން ކުރެ ކަމެއް މެދުވެރިވުމާއެކު ފިޠުރު ޒަކާތް ދެއްކިދާނެއެވެ. އަދި އެއީ ޒަކާތެއް ކަމަށްވާތީ ޒަކާތް އެދައްކަން ޖެހޭ ވަޤުތައްވުރެ އަވަހަށް އަދި ދެއްކުމަކުން އޭގައި މައްސަލައެއް ނެތެވެ. ނަމަވެސް މިއީ ޤުރްއާން އެބައެއްގެ މައްޗަށް ބާވައިލެއްވުނު އަދި އަދި ނަބިއްޔާއާ އެކީ ދިރިއުޅުއްވި މަތިވެރި ޞަޙާބީންނާއި މާތް ސަލަފުއް ޞާލިޙުންގެ ކިބައިން ފެނުނު ނަމޫނާއެއް ނޫނެވެ. އަދި އެބޭބޭކަލުން ކަންތައް ކުރެއްވި ގޮތެއްވެސް ނޫނެވެ. އެބޭކަލުން ފިޠުރު ޒަކާތް ނެރުން އެންމެ އަވަސް ވެސް ކުރައްވާފައި ވަނީ ޢީދު ދުވަހުގެ ދެތިން ދުވަހުގެ ކުރިއަށެވެ.

އެއަށް ވުރެ އަވަހެއް ނުކުރައްވަ އެވެ. އަދި ކުރިން ބުނެވި ދިޔަ ފަދައިން މާ ކުރިން ފިޠުރު ޒަކާތް ދެއްކުމަކީ މިޒަކާތް ދެއްކުމުގެ މަޤުސަދާވެސް ޚިލާފު ކަމެކެވެ. ބައެއް ފަރާތްތަކުން ރަމަޟާން މަހުގެ ކުރީބައިގައި ފިޠުރު ޒަކާތް ދައްކަން ހިފާލާފައި ތިބޭތަން ފެނެއެވެ. އެހެން ނަހަދާށެވެ. ޞަޙާބީންނާއި ސަލަފުއްޞާލިޙުން އުޅުއްވި ގޮތަށް އުޅެގެން ވާނީ ކޮން ދެރައެއް ހެއްޔެވެ؟

ފިޠުރު ޒަކާތް ދެއްކުން އަވަސް ކުރާނަމަ ޞަޙާބީން އަވަސްކުރެއްވި މިންވަރު ކަމަށްވާ ޢީދު ދުވަހުގެ ދުވަހެއް ނުވަތަ ދެދުވަސް ކުރިއަށްވުރެ އަވަސް ކޮށްގެން ނުވާނެ ކަމަށް އިމާމް އައްޝައުކާނީ ވިދާޅުވެފައި ވެއެވެ. ((السيل الجرار المتدفق على حدائق الأزهار)) (ص: 268، 269).

އަދި މިފަދައިން ޝައިޚް އިބްނު ބާޒު ((مجموع فتاوى ابن باز)) (14/32) އަދި ޝައިޚް އިބްނު ޢުޘައިމީން ((مجموع فتاوى ورسائل العُثيمين)) (18/270). ރަޙިމަހަމުﷲ ވެސް ވިދާޅުވެފައިވެ އެވެ. އަދި ފަހުގެ ގިނަ ޢިލްމުވެރިންގެ ރަޢުޔަކީ ވެސް މިއީ އެވެ.

ވީމާ އެންމެ ރަނގަޅު ގޮތަކީ ޢީދު ދުވަހުގެ ހެނދުނު ނުވަތަ ޢީދު ވިލޭރޭގައި އާންމުކޮށް ކާން ގެންގުޅޭ މައިގަނޑު ކާނާގެ ބާވަތުން (މިސާލަކަށް ހަނޑޫ) ޞާއެއްގެ މިންވަރެއް ކޮންމެވެސް ފަޤީރަކަށް ދިނުމެވެ. އަދި ދޭ އިރު އެއަށް ވުރެ ގިނައިން ދިނުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ.

ވާޖިބު ވާނީ ޞާއެއްގެ މިންވަރެވެ. އަދި ޢީދު ދުވަހުގައި ފިޠުރު ޒަކާތް ނުނެރެވިދާނެ ކަމަށް ހީވާ ނަމަ ނުވަތަ އެ ދުވަހު މި ޒަކާތް ނެރުން އުޒުރުވެރިވާ ފަދަ ޙާޖަތެއް މެދުވެރިވާ ނަމަ ޢީދު ދުވަހުގެ އެއް ދުވަސް ކުރިން ފިޠުރު ޒަކާތް ދައްކާލައި ނިންމާލުމެވެ.

ނޯޓް: މިއީ ޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު ލިޔުއްވުމެކެވެ.