Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ޓޫރިޒަމް ޕްރޮމޯޓްކުރަން ލިވަޕޫލާއެކު ބޮޑު ހަރަކާތެއް

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ލިވަޕޫލާއެކު އަންނަ މަހު ބޮޑު ހަރަކާތެއް އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައި، އެ ކްލަބާއެކު އެމްއެމްޕީއާރުސީން ސޮއިކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރުސީން މިއަދު ބުނީ، އަންނަ މަހު ފަށާ ހަރަކާތުގެ ދަށުން އިނގިރޭސިވިލާތުގެ މުހިންމު ސަރަހައްދުތަކުގައި ކުރިއަށް އޮތް ތިން މަސް ދުވަހު ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރު މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.

އެގޮތުން 100 އަށް ވުރެ ގިނަ ޓެކްސީއާއި ލަންޑަންގެ ބަސްތަކުގައި ރާއްޖޭގެ މަންޒަރުތައް ދައްކާލާނެ ކަމަށާއި އަދި އަންޑަގްރައުންޑްގައި އިޝްތިހާރުކޮށް ބޮޑެތި އެއާޕޯޓުތަކާއި ވިޔަފާރި ލައުންޖްތަކުގަ ވެސް ރާއްޖެ އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

މި ހަރަކާތުގެ ސަބަބުން 76 މިލިއަން މީހުންނަށް ރާއްޖެ ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އެންމެ ފަހުގެ ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ މަގާމު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާވެގެން ދާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

އިނގިރޭސިވިލާތުގެ އިތުރުން ވިލާތާއި މެދުއިރުމަތީގެ ގައުމުތަކާއި ޗައިނާ އާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތައް ހިމެނޭހެން 100 ގައުމެއްގައި ހިމެނޭ ލިވަޕޫލްގެ 316 އޮފިޝަލް ސަޕޯޓަރުންގެ ކްލަބްތަކާ އެކު މި ހަރަކާތުގެ ދަށުން ޓާގެޓަޑް ކެމްޕެއިންތަކެއް ހިންގުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ފުޅާވެގެން ދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ލިވަޕޫލާ ގުޅިގެން ކުރިޔަށް ގެންދާ މި ހަރަކާތުގެ ސަބަބުން މި އަހަރު ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށާއި، އާމްދަނީގެ ގޮތުގައި ރާއްޖެއަށް 200 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.