ފަގީރުންގެ ލިސްޓުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ފިތުރު ޒަކާތުގެ ގޮތުގައި 4،500ރ. ބޮލަކަށް ބަހަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މި އަހަރު ފިތުރު ޒަކާތް ބަހާނީ ފިގީރުންގެ ދަފްތަރުގައި ތިބި އެންމެންނަށް އެއް ހަމައަކުން ކަމަށާއި އެ ބަދަލަކީ ޒަކާތުގެ މަގުސަދުގައި ހިމެނޭ އިޖުތިމާއީ އަދާލަތު ގާއިމުކުރަން ގެނެވުނު ބަދަލެއް ކަމަށެވެ.
"މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބެނީ. މިހެން މިކަން ކުރީމަ ބައެއް ރަށް ރަށުގައި ފަޤީރުންނަށް ލިބެނީ ވަރަށް މަދު އެއްޗެއް. މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުން ބެހުން. މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު،" ޝަހީމް ވިދާޅުވި އެވެ.
މިއަހަރު ފިޠުރު ޒަކާތަށް މިހާތަނަށް 12.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.