ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ 3-0 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
މި މޮޅާއެކު އެއްވަނައިގައި ބާސާ އޮތީ 28 މެޗުން 63 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 28 މެޗުން 60 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 28 މެޗުން 56 ޕޮއިންޓު ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 11 ވަނަ މިނެޓްގައި ބާސާއަށް ލީޑު ނަގައިދިނީ ފެރަން ޓޮރޭޒް އެވެ. މިއީ އޮސަސޫނާގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ޓޮރޭޒް ކާމިޔާބުކުރި ގޯލެކެވެ. ބާސާގެ ދެވަނަ ގޯލު ޑެނީ އޮލްމޯ ކާމިޔާބުކުރީ މެޗުގެ 21 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ބާސާއަށް ލިބުނީ އޮލްމޯ އަށް އޮސަސޫނާގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެންނެވެ.
ދެވަނަ ހާފުގައި ވެސް ބާސާއިން އޮސަސޫނާގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެގޮތުން ފާމިން ލޮޕޭޒް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ބާސާގެ ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. މިއީ ލެވެންޑޯސްކީ ލީގުގައި ކާމިޔާބުކުރި 23 ވަނަ ގޯލެވެ.
ލީގުގައި ބާސާ އިން އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ޖިރޯނާއާ ދެކޮޅަށެވެ.