Last Updated: March 31, 13:57
Monday, March 31, 2025
މުނިފޫހިފިލުވުން

ރިތިކް ފިލްމެއް ޑައިރެކްޓް ކުރަނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ފިލްމެއް ޑައިރެކްޓްކުރަން ނިންމައިފި އެވެ.

އޭނަ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ އަލަތު ފިލްމަކީ އަމިއްލަ އަށް ސުޕަހީރޯ ކެރެކްޓާއެއް ކުޅެމުން އަންނަ "ކްރިޝް" ފްރެންޗައިޒްގެ ހަތަރު ވަނަ ބައެވެ. މި ފިލްމާ އެކު ރިތިކް ޑައިރެކްޝަނަށް ނުކުންނަ އިރު، އެ ފިލްމު ހަދަން ނިންމާފައި ވަނީ އާއިލީ ފިލްމު ކުންފުނި، ފިލްމުކްރާފްޓް ޕްރޮޑަކްޝަނާއި ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގުޅިގެންނެވެ.

ރިތިކްގެ ކުރިއަށް އޮތީ ވެސް އެ ސްޓޫޑިއޯގެ ފިލްމެކެވެ. އެއީ 2019 ގެ "ވޯ" ގެ ސީކްއެކް "ވޯ 2" އެވެ.

"ކްރިޝް 4" ރިތިކް ޑައިރެކްޓްކުރާ ގޮތަށް މި ހަމަޖެހުނީ އެ ފްރެންޗައިޒްގެ ކުރިގެ ތިން ފިލްމު ޑައިރެކްޓްކުރި ބައްޕަ ރާކޭޝް ރޯޝަން ހަތަރު ވަނަ ބައި ޑައިރެކްޓް ނުކުރަން ނިންމާފައިވާ ކަމަށް އަޑުތަކެއް އަރާފައި ވަނިކޮށެވެ. އެގޮތުން އޭނަގެ ބަދަލުގައި އެ ފިލްމު ޑައިރެކްޓް ކުރާނީ ރިތިކްގެ 2017 ގެ "ގާބިލް" ގެނެސްދިން ސަންޖޭ ގުޕްތާ ކަމަށް ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އޭގެ ފަހުން ސިދާތު އާނަންދު "ކްރިޝް 4" އާ ހަވާލުވާން ނިންމިކަމުގެ ވާހަކެތަކެއް ވެސް ދެކެވިފައިވެ އެވެ. އޭނަ އަކީ ރިތިކްގެ "ވޯ" އާއި "ފައިޓާ" ގެ އިތުރުން "ބޭންގް ބޭންގް" ވެސް ޑައިރެކްޓަރެވެ.

"ކްރިޝް 4" އާ އެކު ރިތިކް ޑައިރެކްޝަނަށް ނުކުންނަ އިރު، މީގެ އަނެއް ތިން ފިލްމަކީ 2003 ގެ "ކޮއި…މިލް ގަޔާ" އާއި 2006 ގެ "ކްރިޝް" އާއި 2013 ގެ "ކްރިޝް 3" އެވެ.

ރިތިކް އެކްޓިން އަށް ނުކުތީ 2000 ވަނަ އަހަރު "ކަހޯ ނާ…ޕިޔާރު ހޭ" އިންނެވެ.