Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

ރޯދަ މަސް ނިމުނަސް އަޅުކަމުގައި ދެމިތިބެން ޖެހޭ

ރޯދަމަސް ނިމުނަސް އަޅުކަމުގައި ދެމިތިބެންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރަމަޟާން މަހަށް ފަހު ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބޭށެ" މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ރަމަޟާން މަސް އަހަރެމެންނައި އަލްވަދާޢު ކިޔަނީ ކަމާއި، އެ މަހުގެ ވެރި ﷲ ދިރިދެމިވޮޑިގެންވާ ކަމަށާއި ފުރިހަމަ މުއުމިނަކު، ދުވަހަކު ވެސް ހެޔޮ ޢަމަލުކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ ކަމަށެވެ. އެހެންކަމުން އޮތީ ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުން ކަމަށާއި އަޅުކަންކުރުމަކީ، މާތްﷲ އަހަރެމެން ޚަލްޤުކުރައްވައި، އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

"މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲ އަށް އަޅުކަންކުރާން ޖެހޭ ބައެއް ނޫނެވެ. މުއުމިނުންގެ މުޅި ހަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ. ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެވެ. ރޯދަ މަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ." ހުތުބާގައި ބުންޏެވެ.

ރޯދަ މަސް އަހަރެމެންނާ ވަކިވެގެން ދަނީ، ޝައްވާލު މަހުގެ ހަ ރޯދައިގެ ނިއުމަތަށް މަގު ފަހިކޮށްދީފައި ކަމަށާއި އެހެންކަމުން ތިބާއީ ހެޔޮ ކަމަށް އެދޭ މީހަކަށް ވުމަށާއި ދީލަތިވަންތަ ﷲ ދެއްވި އެ ނިއުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

"ނިމިގެން މި ދާ ރޯދަ މަހު ތިބާގެ އަމަލުތައް ހުރި ގޮތާ މެދު ވިސްނައިލާށެވެ. ރޯދަ މަހުގައި ފަރުޟު ފަސް ނަމާދު ގަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުންނާށެވެ. ކޮންމެ ދުވަހަކު ގުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯ ބަލާށެވެ. ހެޔޮ އަމަލުކުރުމުގައި ހީވާގިވާށެވެ. ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދާށެވެ." ހުކުރު ހުތުބާގައިވެއެވެ.