Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

ތައިލެންޑުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު

ތައިލެންޑާއި އަވަށްޓެރި މިޔަންމާއަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ދެ ގައުމުގެ ހާލަތު ބަލަމުން އަންނަ ކަމަށާއި ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ތައިލޭންޑް އަދި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ގެންދަނީ އެ ދެ ޤައުމުގެ ޙާލަތު ވަރަށް ކައިރިން ބަލަމުން ކަމަށެވެ. އެގޮތުން ތައިލޭންޑްގައި ތިބި ކަމަށް މިހާ ހިސާބަށް ފާހަގަކުރެވުނު ހުރިހާ ދިވެހިންގެ ޙާލު ރަނގަޅު ކަމަށާއި މިޔަންމާގައި ދިވެއްސަކު ހުރިކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ތައިލެންޑް އަދި މިޔަންމާގައި ތިބި ދިވެއްސަކު އެއްވެސް ކަމެއް ބޭނުންވާ ނަމަ ނުވަތަ އެހީތެރިކަމެއް ބޭނުންވާ ނަމަ، ގުޅާނެ ދެ ނަންބަރަކީ:

އެމްބަސީގެ ހޮޓްލައިން ނަންބަރު: 611766502 66+

މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 9607983400+

މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާ އަށް 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެގައުމުގެ ވެރިރަށް ނޭޕިޑޯގެ މަގުތައް ހަލާކުވެ، އިމާރާތްތަކަށް ގެއްލުންވެފައި ވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ބިންހެލުމުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ވެސް ކޮށްފައިވާއިރު، ބެންކޮކްގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފަ އެވެ. އޭގެ ތެރޭގައި ބެންކޮކްގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ބިންހެލުމުގައި މީހަކު މަރުވި ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައި ނުވާއިރު، ބެންކޮކްގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.