ދާދި އިހަކަށް ދުވަހު އަޅުގަނޑުމެން އިސްތިޤްބާލުކުރި ރަމަޟާން މަސް އަޅުގަނޑުމެންނާ މި އަލްވަދާޢު ކިޔަނީ އެވެ. ރޯދައިގެ މައްސަރު، ޤުރުއާނުގެ މައްސަރު، ރޭއަޅުކަމުގެ މައްސަރު، ސަދަޤާތާއި ޚައިރާތުގެ މައްސަރު، ފާފަފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރު މި ވަނީ އަޅުގަނޑުމެންނާ ވަކިވުމުގެ މަގުމަތީގަ އެވެ.
މި ދަނޑިވަޅުގައި އަޅުގަނޑުމެން ސަމާލުކަން ދޭން ޖެހޭ ވަރަށް މުހިންމު ނުކުތާތާތަކެއްވެ އެވެ.
ރަމަޟާންމަހު އަޅުގަނޑުމެން އަދާކުރި އަޅުކަންތައް ޤަބޫލުކުރެއްވުން އެދި ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވަން ޖެހޭނެ އެވެ.
ކުރީ ޒަމާންތަކުގައި އުޅުއްވި ޞާލިޙު ބޭކަލުން ރަމަޟާން މަހަށް ފަހު ހަމަސްވަންދެން އެބޭކަލުން ރަމަޟާން މަހުގައި އަދާކުރި އަޅުކަންތައް ޤަބޫލު ކުރެއްވުމަށް އެދި ދުޢާ ދަންނަވާ ކަމުގައިވެއެވެ.
އަޅުގަނޑުމެން ކިތަންމެ ވަރަކަށް އަޅުކަންތައް އަދާކުރި ކަމުގައި ވިޔަސް އެ އަޅުކަމަކުން އާޚިރުގައި މަންފާއެއް ކުރާނީ އެއަޅުކަމެއް ﷲ ތަޢާލާގެ ޙަޟްރަތުގައި މަޤްބޫލުވެވިގެންނެވެ. އަޅުކަމުގައި އިޚްލާސްތެރިކަން ނެތުމާއި، ދެއްކުންތެރިކަމާއި، މީހުންގެ ޘަނާ ލިބިގަތުމުގެ ބޭނުމުގައި އަޅުކަން އަދާކުރުމަކީ އަޅުކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުނުކުރެއްވެވޭ ސަބަބުތަކެވެ.
ރަމަޟާން މަސް ފަދަ ބަރަކާތްތެރި އަޅުކަމުގެ މޫސުމެއް މިންވަރު ކޮށްދެއްވި ކަމަށްޓަކައި ގިނަގިނައިން ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރަންޖެހޭނެ އެވެ.
އޭރުން ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ފަދައިން އެފަދަ އިތުރު ފުރުސަތުތައް ދެއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿لَئِن شَكَرْتُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ سورة إبراهيم: 7 މާނައީ: “ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރު ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ”.
އެހެންކަމުން މި ފުރުސަތުގައި ގިނަގިނައިން ﷲ ތަޢާލާ އަށް ޙަމްދުކޮށް ޝުކުރު އަދާ ކުރަންޖެހޭނެ އެވެ. ޙަމްދާއި ޝުކުރުކުރުން ވަނީ ހަމައެކަނި ދުލަކުން ނޫނެވެ. ގުނަވަންތަކުން ޝުކުރު އަދާކުރަން ޖެހޭނެ އެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން ގުނަވަންތައް ކިޔަމަންކުރުވުމުންނެވެ. މިފަދައިން ދުލާއި ގުނަވަންތަކުން ޝުކުރު އަދާނުކޮށް ނިޢުމަތްތަކަށް ކުފުރުވެވޭ ކަމުގައި ވަނީނަމަ ﷲ ތަޢާލާ އެނިޢުމަތްތައް ގެންދަވާފާނެއެވެ. އަދި އެމީހަކު ﷲ ތަޢާލާގެ ޢަޛާބަށް ހުށައެޅިގެން ހިނގައިދާނެއެވެ.
ކުރެވުނު އަޅުކަމުގެ މައްޗަށް ބޮޑާވެ ދެއްކުންތެރިކަމުގެ ގޮތުން އެ ވާހަކަތައް މީހުންނަށް އަޑުއިއްވާ ހެދުމުން ދުރުހެލިވާން ވާނެ އެވެ.
މިކަމަކީ ބައެއް މީހުންނަށް ކުރިމަތިވާ ބޮޑު އިމްތިޙާނެކެވެ. އަޅުކަންތައް ކުރުމަށް ފަހު އެކަމުގެ މައްޗަށް ބޮޑާވެ ނަފްސާ މެދު ފަޚުރުވެރިވުމަކީ ޝައިތާނާގެ މަޅިއެކެވެ.
ޝައިތާނާގެ މަޤްޞަދަކީ އޭނާގެ މައްޗަށް ގަދަވެގަނެ އަޅާ އަދާކުރި އަޅުކަންތައް، ފަހުންވެސް ބާތިލު އަޅުކަމަކަށް ހެދޭތޯ މަސައްކަތްކުރުމެވެ. އަޅާ އޭނާއަށް ކުރެވުނު އަޅުކަންތަކުގެ މައްޗަށް ފަޚުރުވެރިވެ ދެއްކުންތެރިކަމުގެ ގޮތުންނާއި، މީހުންގެ ޘަނާ ލިބުމުގެ މަޤްޞަދުގައި އެފަދަ ވާހަކަތައް ދެއްކުމަކީ އަޅުކަން ބާތިލްވެދާނެ ކަމެކެވެ. އެހެންކަމުން ޝައިތާނާގެ މިމަޅިއާއި މެދު ހޭވެރިވާން ޖެހޭނެ އެވެ. އަޅާގެ ޙާލު ހުންނަންޖެހޭނީ އުންމީދާއި ބިރުވެރިކަމެއްގެ ތެރޭގައެވެ.
އަޅުކަމުން ޘަވާބު ލިބޭނެކަމުގެ އުންމީދާއި، އަޅުކަން ޤަބޫލުނުވެ ރައްދުކުރެވިދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އަޅުކަންތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލު ކުރެއްވުނު ކަމުގެ ޢަލާމާތްތަކެއްވެ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ޢަލާމާތަކީ އަޅުކަމުގެ މޫސުމަށްފަހުގައިވެސް އަޅުކަންތައް އަދާކުރުންމަތީ ދެމިހުރުމުގެ ތައުފީޤު އެމީހަކަށް ލިބުމެވެ.
އެހެންކަމުން ރަމަޟާން މަހު ނަމާދުގެ ވަގުތުތަކަށާއި، ނަމާދުގެ ޖަމާޢަތަށާއި، ސުންނަތް ނަމާދުތަކަށް ރައްކާތެރިވީ ފަދައިން، ރަމަޟާން މަހަށް ފަހުގައިވެސް އެކަންކަމަށް ރައްކާތެރިވެވޭ ނަމަ އެއީ އެމީހެއްގެ ރަމަޟާން މަހުގެ އަޅުކަން ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ. ރަމަޟާންމަހު ޤުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، ދުޢާ ކުރުމަށާއި، ޞަދަޤާތްދިނުމަށް ސަމާލުކަންދިން ފަދައިން ރަމަޟާން މަހަށް ފަހުގައި ވެސް އެކަންކަމަށް ރައްކާތެރިވެވޭ ނަމަ އެއީ އެ މީހެއްގެ ރަމަޟާން މަހުގެ އަޅުކަން ﷲ ތަޢާލާ ޤަބޫލުކުރެއްވި ކަމުގެ ޢަލާމާތެކެވެ.
އަޅުކަންތައް ކުރުންމަތީ ޘާބިތު ކޮށްދެއްވުން އެދި ދުޢާ ދަންނަވަންވާނެއެވެ.
ރަމަޟާން މަހު އެންމެން ވެސް އަޅުކަމުގައި ހީވާގިވެއެވެ. ރޯދަ ހިފައި، ޤުރުއާން ކިޔަވައި، ފަރުޟު ނަމާދަށް ރައްކާތެރިވެ، ޟުޙާ ނަމާދާއި، ރަވާތިބު ސުންނަތްތާއި، ރޭއަޅުކަންކޮށް، ޞަދަޤާތްދީ ހަދައެވެ. ދުލާއި ލޮލާއި އަތްފައިގެ ގުނަވަންތަކަށް ރައްކާތެރިވެގެން އުޅެއެވެ. ނަމަވެސް ރަމަޟާންމަސް ނިމުމާއި އެކީ މިކަންކަން ހުއްޓާލާ، ނުވަތަ ފަރުވާކުޑަކުރާ ތަން ފެނެ އެވެ.
މާނައަކީ ގިނަ ބަޔަކަށް ރަމަޟާން މަހަށް ފަހުގައި އަޅުކަމުގައި ޘާބިތުނުވެވެއެވެ. އެހެންކަމުން އަޅުކަން އަދާކުރުމުގައި ޘާބިތުކަންދެއްވުން އެދި ގިނަގިނައިން ދުޢާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން އަންނަނިވި ދުޢާފަދަ ދުޢާތައް ގިނަގިނައިން ކުރެވިދާނެ އެވެ.
﴿ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا ﴾ [آل عمران: 8]
މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ!”.
އަދި މާތް ނަބިއްޔާ ﷺ ގިނަގިނައިން ކުރެއްވި ދުޢާއެއްގައިވެއެވެ.
((اللَّهمَّ يا مقلِّبَ القلوبِ، ثبِّتْ قلبي على دينِك))
މާނައީ: “އޭ ހިތްތައް ފުރޮޅުއްވަވާ އިލާހެވެ! މިއަޅާގެ ހިތް އިބައިލާހުގެ ދީންމަތީ ޘާބިތުކޮށްދެއްވާދޭވެ”.
މާތް ނަބިއްޔާ ﷺ އަޅުކަމެއް ފައްޓަވައިފިނަމަ އެކަމެއްގެ މަތީ ދެމިހުންނަވާ ކަމަށް ޙަދީޘްތަކުގައިވެއެވެ. އަދި އަޅުކަމުގައި ދެމިތިބޭ އަޅުތަކުންނަށް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ޘަނާކިޔުއްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ﴾ سورة المعارج:23 މާނައީ: “އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ”. މިއާޔަތުގައި ﷲ ތަޢާލާ މިބަޔާންކުރައްވާ ފަދައިން މުއުމިނުންގެ ސިފައަކީ އެމީހުންގެ ކިބައިން ތަކުލީފު އުފުލެންދެން އަޅުކަމުގައި ދެމިތިބުމެވެ. ﷲ ތަޢާލާ ނަބިއްޔާ ﷺ އަށް އަމުރުކުރެއްވީ މިފަދައިން އަޅުކަމުގައި ދެމިހުރުމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ سورة الحجر:99 މާނައީ: “އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާނދެން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރައްވާށެވެ!”.
ﷲ ތަޢާލާ އީ ރަމަޟާންމަހުގެ ވެރި ރައްބެވެ. އަދި ޝައްވާލުމަހާއި ހުރިހާ މަހެއްގެ ވެސް ވެރި ރައްބެވެ. އެހެންކަމުން ރަމަޟާންމަހު އަޅުކަން އަދާކުރާފަދައިން އެހެން މައްސަރުތަކުގައި ވެސް ﷲ ތަޢާލާއަށް ފުރިހަމައަށް އަޅުކަން އަދާކުރަން ޖެހޭނެ އެވެ. އަޅުގަނޑުމެންނަކީ މޫސުމީ އަޅުވެރިންކަމުގައި ވެގެން ނުވާނެއެވެ. ރަމަޟާން މަހުގައި އަޅުކަންކޮށްފައި ހުއްޓާލާ މީހުންނަކީ އަޅުކަމެއްގެ ގޮތުގައި އެކަން ކުރާ ބައެއް ނޫނެވެ. އެއީ އާދަކާދައެއްގެ ގޮތުގައި އެކަން ކުރާ ބައެއްގެ ފެންނާނެ ކަމެކެވެ.
އަޅަމެންގެ ރޯދަ އާއި އެންމެހައި އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުކުރައްވާށި! އާމީން
މަސްދަރު: ދިސަލަފިއްޔާ