ތައިލެންޑާއި މިޔަންމާ އަށް މިއަދު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެހީތެރިކަން ބޭނުންވާ އެ ދެ ގައުމުގައި ތިބި ދިވެހިން އެހީތެރިކަން ބޭނުންވާ ނަމަ ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގުޅަން ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ތައިލެންޑާއި މިޔަންމާ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ މިނިސްޓްރީން ގެންދަނީ އެ ދެ ޤައުމުގެ ހާލަތު މޮނިޓަ ކުރަމުން ކަމަށެވެ. އެގޮތުން، ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެ ގައުމުގައި އުޅޭ ހުރިހާ ދިވެހީންގެ ވެސް ހާލު ރަނގަޅުކަމަށް މިނިސްޓްރީން ބުންޏެވެ.
މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މި ވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ދެ ގައުމުގައި ވެސް ކުއްލި ހާލަތު އިއުލާނުކޮށްފަވާއިރު އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް ޢަމަލުކުރުމަށް، ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންފުޅުވާ ނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެމްބަސީ ހޮޓްލައިން ނަންބަރު: +66611766502
މިނިސްޓްރީ ހޮޓްލައިން ނަންބަރު: 9607983400+
މިއަދު މެންދުރުގެ ވަގުތެއްގައި މިޔަންމާ އާއި ތައިލޭންޑަ 7.7 މެގްނިޓިއުޑާއި 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާއިރު، މި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާ އާއި ތައިލެންޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.