Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

ޤުރުއާން ހިތުދަސްކުރާ ޕްރޮގްރާމްތަކަށް އެހީވާނެ

އަތޮޅުތަކުގެ ޤުރުއާން ހިތު ދަސްކުރާ ޕްރޮގްރާމްތައް ހިންގާ ތަންތަނާއި ކްލާސްތަކަށް ބޭނުންވާ ވަސީލަތްތަކާއި ކަންކަން ފުރިހަމަކޮށް ދިނުމަށް ސަރުކާރުން އެހީވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ވަނީ އެކަމަށް އާންމު ރައްޔިތުން ވެސް އެހީތެރިވުމަށް އެދިވަޑައިގެންފަ އެވެ.

"މިއީ އަޅުގަނޑުމެންގެ މި ޤައުމަށް ކޮށްދެވޭނެ ވަރަށް މަތިވެރި ޚިދުމަތެއް. މުސްތަޤުބަލުގެ ޖީލަށްޓަކައި ކޮށްދެވޭނެ އަގުހުރި ޚިދުމަތެއް،" ޝަހީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދީނީ ކަންކަން ކުރިއަރުވަން އެހީވާ ވަޤުފު ފަންޑުގެ އެކި ދާއިރާތަކަށް މީރާ ގެ ވެބްސައިޓް ތެރެއިން ވާރު ޕޭ އިން ފަސޭހަކަމާއެކު މިހާރު އެހީ ފޯރުކޮށް ދެވޭނެ ކަމަށެވެ.

"ރަމަޟާން މަހަކީ ހެޔޮކަމުގެ މައްސަރު. ހެޔޮކަންކަން ކުރިއެރުވުމުގައި ބައިވެރިވުމުގެ ފުރުޞަތުވަ ނީ ހުޅުވިފައި." ޝަހީމު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ކުދިންތަކެއް ޤުރުއާން ހިތުދަސްކުރި، ޅ. ނައިފަރުގެ ޤުރުއާން ލާނިން ސެންޓަރު ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދިފައިވާތީ ވަޤުފު ފަންޑުން އެހީ ފޯރުކޮށް ދިނުމަށް މިހާރު އޮތީ ނިންމައިފަ އެވެ.