Last Updated: March 31, 13:57
Monday, March 31, 2025
ޚަބަރު

ބޭންކްތަކަށް 150 މިލިއަން ޑޮލަރު މާރުކޮށްފި

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޭންކްތަކަށް މިހާތަނަށް 150 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ އެ މަނިކުފާނު "ރައްޔިތުންނާ އެކު" ގެ ނަމުގައި ފެއްޓެވި ޕޮޑްކާސްޓްގައި ވިދާޅުވީ އެ އަދަދަށް ބަލާ އިރު އެއީ ކުރިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

ރައީސް ވިދާޅުވޯ ޑޮލަރު މާރުކުރުމަށްޤާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން އުފަލާ އެކު ބަލައިގަންނަ ކަމަށެވެ. އެގޮތުން މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ޤާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 ޕަސެންޓް ޑޮލަރު މާރުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ބާކީ 5 ޕަސެންޓް މީގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވާނީ ޓޫރިޒަމް ދާއިރާ ފުޅާވަމުންދާ ވަރަކަށް އެ ދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެއަދަދު 1،000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކުރުމާއި، ޓީޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބޭންކްތަކަށް ޑޮލަރު މާރުކުރުމަށް ނިންމި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއް ކަމަށެވެ. އަދި މިކަމުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކަމަށާއި މިއީ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮ ތަނުގައި ޑޮލަރުގެ އަގު ތިރިވަމުންދާނެ ކަމަށާއި ޑޮލަރުގެ ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރު ގަތުން މަދުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.